"ވަގުތު" އިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ކުރިޔަށްގެންދާ "ވަގުތު ފުޓްސަލް ޗެލެންޖް" ގެ މިއަހަރުގެ މުބާރާތުގައި ޓީމްތަކަށް ހިލޭ ޖާޒީ ދޭން ނިންމައިފިއެވެ.

މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމަކަށް ބޭނުންވާ ޖާޒީ ހިލޭ ދޭން ނިންމީ ރާއްޖޭގެ މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި "ލިބޭ" އާއި އެކު "ވަގުތު" އިން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމަކަށް ބޭނުންވާ ޖާޒީ މިއެއްބަސްވުމުގެ ދަށުން "ލިބޭ" އިން ފޯރުކޮށްދޭނެއެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް ވެސް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ޖާޒީ ފޯރުކޮށްދޭ "ލިބޭ" އިން ގެންދަނީ އެކި ވައްތަރުގެ ކޮސްމެޓިކްސް އުފެއްދުންތަކާއި، ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ލޭންސްލޭ ސްލިމް ކޮފީ އަދި ލޭންސްލޭ ސްލިމް ހޮޓް ޗޮކްލެޓް ވެސް ވިއްކަމުންނެވެ. "ލިބޭ" ވިއްކާ އުފެއްދުންތައް 9759452 އަށް ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

"ވަގުތު" އިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ކުރިޔަށްގެންދާ "ވަގުތު ފުޓްސަލް ޗެލެންޖް" މިއަހަރުގެ ޑިސެމްބަރ މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ފަށާނެ ތާރީޚް މާދަމާ އިއުލާން ކުރާނެއެވެ. މުބާރާތުގައި ބައިވެރި ވެވޭނީ މުބާރާތުގައި ބައިވެރިވާން އެދި ފުރަތަމަ ފޯމް ހުށަހަޅާ 20 ޓީމަކަށެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާ އެކު، މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000 ރ. އަދި ރަނަރަޕް ޓީމަށް 75،000 ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ވަގުތު ފުޓްސަލް ޗެލެންޖް 2020" ގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އައިލެންޑް އެޕަރަލްސްއެވެ.

"ވަގުތު ފުޓްސަލް ޗެލެންޖް" އަކީ 2017 ވަނަ އަހަރުން ފެށިގެން އައްޑޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި މި މުބާރާތް ވަނީ އައްޑޫގައި ބާއްވާ އެންމެ ކުލަގަދަ އަދި އެންމެ މަޤުބޫލު ފުޓްސަލް މުބާރާތަށް ވެގެން ގޮސްފައެވެ.