ޖަރުމަނުގެ ލޯވާ ލީގުގައި އެސްޖީ ރިފްޑޯފް މެންޒެން އާއި އެސްވީ ހޮލްޑެންސްޓެޓްއާ ދެކޮޅަށް ކުޅުނު މެޗެއްގައި އެސްޖީ ރިފްޑޯފް މެންޒެންގެ ޓީމުން ގައިދުރުވުމުގެ ހަމަތަކަށް ސަމާލުކަން ދީގެން ކުޅުނުއިރު، އެ ޓީމު 0-37 ގެ ނަތީޖާއިން ބަލިވެއްޖެއެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދުނިޔޭގެ ފުޓުބޯޅަ ލީގުތައް މެދުކަނޑާލުމަށް ފަހު އަލުން ލީގުތައް ފެށި ފަހުން ހާލަތުގެ ހިރާސްއާ މެދު ކްބަލްއަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި ފުރަތަމަ ފަހަރެވެ.

އެ މެޗުގެ ކުރިން އެސްވީ ހޮލްޑެންސްޓެޓްއިން ކުޅުނު މެޗެއްގައި ވާދަވެރި ޓީމުގެ ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ފައްސިވެފައެވެ. އެ މީހާއާ ކޮންޓެކްޓްވި ފަހުން، ހޮލްޑެންސްޓެޓްގެ ކުޅުންތެރިން ވެސް ބައްޔަށް ޓެސްޓް ކުރިއެވެ. އެ ކްލަބްގެ ކުޅުންތެރިންގެ ޓެސްޓްގެ ނަތީޖާ ނައްސިވި ނަމަވެސް 14 ދުވަސް ހަމަވެފައިވާތީ އޭގެ ހިރާސް (ރިސްކް) އޮންނާނެ ކަމަށް ބެލެވެއެވެ.

އެހެންކަމުން ގައިދުރުވުމުގެ ހަމަތަކަށް ސަމާލު ކަން ދިނުމުގެ ގޮތުން އެސްޖީ ރިފްޑޯފް މެންޒެން އިން އެ މެޗަށް އެރުވީ ވެސް ހަތް ކުޅުންތެރިންނެވެ. ފުޓުބޯޅަ މެޗުތަކުގައި ކޮންމެ ޓީމަކުން ދަނޑަށް ކުޅެން އާންމު ގޮތެއްގައި އަރުވާނީ 11 ކުޅުންތެރިންނެވެ. އެ ކްލަބްއިން އިން އެރުވީ ހަތަރު ކުޅުންތެރިން މަދުކޮށެވެ.

ރިޕްޑޯފްގެ ކޯޗެއާ ފެޓްރިކް ރިސްޓޯ "އީއެސްޕީއެން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑް-19 ކުޅުންތެރިންގެ މެދުގައި ފެތުރިދާނެ ކަމުގެ ހިރާސް އޮތުމުން މެޗު ފަސް ކުރުމަށް ވެސް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު ހޮލްޑެންސްޓެޓްއިން ބޭނުމީ މެޗު ފަސްނުކޮށް ކުޅެން ކަމަށާއި ލީގުގެ މެނޭޖްމަންޓްއިން ވެސް މެޗު ފަސްކޮށް ނުދިން ކަމަށެވެ.

ކޮވިޑް-19 ގެ ބަލިފެތުރިދާނެ ކަމުގެ ބިރު އޮތުމުން ކްލަބްގެ ގިނަ ކުޅުންތެރިން ދަނޑަށް އަރައި ކުޅުމަށް ވެސް ދެކޮޅު ހެދިކަން ޕެޓްރިކް ފާހަގަކުރެއްވިއެވެ. ފުޓުބޯޅަ މެޗެއްގައި ކްލަބްއަކުން ދަނޑަށް އަރުވަން އެންމެ ދަށް އަދަދު ކަމުގައިވާ ހަތް ކުުޅުންތެރިން ހަމަޖެއްސުނީ ވެސް ވަރަށް ދާތި ހާލުން ކަމަށް ޕެޓްރިކް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރިޕްޑޯފްގެ ފަރާތުން އެ ހަތް ކުޅުންތެރިންނަށް ޝުކުރު އަދާ ކުރަން، ނޫނީ އަޅުގަނޑުމެންނަށް 200 ޔޫރޯގެ ޖޫރިމަނާއެއް ވެސް ކުރިމަތިވާނެ، ލީގްގެ އުސޫލުގައިވާ ގޮތުން ނަމަ، އެއީ މިފަދަ އިގްތިސާދީ އަދި ބަލިމަޑުކަމުގެ ކާރިސާއެއްގައި ދައްކަން ފަސޭހަ އަދަދެއް ވެސް ނޫން،" ޕެޓްރިކް ވިދާޅުވިއެވެ.

ހޯލްޑެންސްޓެޓްގެ ކޯޗު ފްލޯރިއަން ސީވޯޓާ ވިދާޅުވި ގޮތުގައި މެޗު ފަސްކުރުމުގެ އެއްވެސް އަސާސެއް ނެތް ކަމަށެވެ. ވިދާޅުވީ އެ ކްލަބްގެ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރި ކަމަށާއި އެއްވެސް ކުޅުންތެރިޔަކު ބައްޔަށް ފައްސިވެފައި ނުވާ ކަމަށެވެ. އެހެންކަމުން އަސާސެއް ނެތް ސަބަބެއްގައި މެޗު ފަސްނުކޮށް ވަގުތު ދިގުދެންމެން ނެތް ކަމަށެވެ.