އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ސްކޮޑުން އާސެނަލް އަށް ކުޅެމުން އަންނަ ފޯވާޑް ލަކަޒެޓް އާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންތޮނީ މާޝިއަލް ބާކީކޮށްފިއެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް އިއްޔެ އިއުލާންކުރި 23 ކުޅުންތެރިންގެ ސްކޮޑުން ނަން މަޝްހޫރު އަދި ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވެއެވެ.

ނަން މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ސްކޮޑުން މިފަހަރު ޖާގަ ނުލިބުނު އެއް ކުޅުންތެރިއަކީ މިދިޔަ އަހަރު ފްރާންސްގެ ލިޔޯން އިން އާސެނަލް އަށް ބަދަލުވި ލަކަޒެޓްއެވެ. އާސެނަލް އަށް މި ސީޒަނުގައި 17 ގޯލު ލަކަޒެޓް ކާމިޔާބުކޮށްދިން އިރު ފްރާންސް އަށް އެންމެފަހުން އޭނާ މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ލަކަޒެޓް އަށް އޭނާގެ އެންމެ މޮޅު ކުޅުން މި ސީޒަނުގައި ދެއްކޭ ގޮތް ނުވިއިރު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 16 މެޗު މިހާތަނަށް ކުޅެދީފައެވެ.

ސްކޮޑުން ދެން ބާކީކުރި ނަން މަޝްހޫރު އަނެއް ކުޅުންތެރިއަކީ ޔުނައިޓެޑަށް ކުޅެމުން އަންނަ މާޝިއަލް ކަމަށްވާއިރު އޭނާ ވަނީ ފްރާންސް އިން އެންމެފަހުން ރަޝިއާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ކުޅެފައެވެ. ސްކޮޑުން މާޝިއަލް ބާކީކުރިއިރު މި ސީޒަނުގައި ގަވާއިދުން ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން އޭނާ އަށް ޖާގަ ލިބޭގޮތް ވަނީ ނުވެފައެވެ. މާޝިއަލް ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 18 މެޗު ކުޅެދީފައެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން އަނިޔާގެ ސަބަބުން ފްރާންސްގެ މާސޭ އަށް ކުޅެމުން އަންނަ ޑިމިޓްރީ ޕަޔެޓް ވެސް ވަނީ ފްރާންސްގެ ސްކޮޑުން ބާކީކޮށްފައެވެ. ނަމަވެސް އަނިޔާ އިން ރަނގަޅުވުމަށްފަހު މިދިޔަ މަހުގެ ތެރޭގައި ކުޅުމުގެ ތެރެއަށް އެނބުރި އައި މެންޗެސްޓަރ ސިޓީގެ ފުލްބެކް ބެންޖަމިން މެންޑީ އަށް ވަނީ ސްކޮޑުން ފުރުސަތު ދީފައެވެ.

ވޯލްޑް ކަޕްގައި ފްރާންސް މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ސީ ގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އޮސްޓްރޭލިއާ އާއި ޑެންމާކުގެ އިތުރުން ޕެރޫއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 16 ވަނަ ދުވަހު ފްރާންސް ނިކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕަށް ނެގި ފްރާންސްގެ 23 ކުޅުންތެރިންގެ ސްކޮޑު:

ގޯލްކީޕަރުން: ހޫގޯ ލޮރިސް (ޓޮޓެންހަމް)، ސްޓީވް މަންޑަންޑާ (މާސޭ)، އަލްފޮންސޭ އަރެއޯލާ (ޕީއެސްޖީ)

ޑިފެންޑަރުން: ރަފޭލް ވަރާން (ރެއާލް މެޑްރިޑް)، ސެމިއުލް އުމްޓިޓީ (ބާސެލޯނާ)، ލޫކަސް ހަނާންޑޭޒް (އެތްލެޓިކޯ މެޑްރިޑް)، ޕްރެސްނަލް ކިމްޕެމްބޭ (ޕީއެސްޖީ)، ބެންޖަމިން މެންޑީ (މެންޗެސްޓަރ ސިޓީ)، ބެންޖަމިން ޕަވާޑް (ސްޓުޓްގާޓް)، އަޑިލް ރަމީ (މާސޭ)، ޖިބްރިލް ސިޑީބޭ (މޮނާކޯ)

މިޑްފީލްޑަރުން: އެންގޯލޯ ކަންޓޭ (ޗެލްސީ)، ޕޯލް ޕޮގްބާ (މެންޗެސްޓަރ ޔުނައިޓެޑް)، މަޓުއިޑީ (ޔުވެންޓަސް)، ސްޓީވެން އެންޒޮންޒީ (ސެވިއްޔާ)، ކޮރެންޓިން ޓޮލީސޯ (ބަޔާން މިއުނިކް)

ފޯވާޑުން: އެންޓޮއިން ގްރިޒްމަން (އެތްލެޓިކޯ މެޑްރިޑް)، އޮލިވިއޭ ޖިރޫ (ޗެލްސީ)، ކިލިއަން އެމްބާޕޭ (ޕީއެސްޖީ)، އޮސްމާނޭ ޑެމްބެލޭ (ބާސެލޯނާ)، ނަބީލް ފެކީރް (ލިޔޯން)، ތޯމަސް ލެމާ (މޮނާކޯ)، ފްލޮރިއަން ތައުވިން (މާސޭ)