މެންޗެސްޓަރ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިޔޯލާ އާކޮށްފިއެވެ.

ގާޑިޔޯލާ ސިޓީގެ ކޮންޓްރެކްޓް އާކުރީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އާ ކޮންޓްރެކްޓާ އެކު އޭނާ އެ ކްލަބުގައި 2021 ވަނަ އަހަރާއި ހަމައަށް ހުންނާނެއެވެ. މިއީ ގާޑިޔޯލާގެ ކޯޗިން ކެރިއަރުގައި އެއް ކްލަބެއްގައި އެންމެ ދިގު މުއްދަތަކަށް މަޑުކުރާނެ ފަހަރުވެސް މެއެވެ.

"ސިޓީގައި މަސައްކަތް ކުރުމަކީ އަހަންނަށް ލިބޭ އުފަލެއް. ކޯޗަކަށް އެންމެ މުހިއްމު ކަމަކަށްވާނީ ކުޅުންތެރިންނާއި ރަނގަޅު ގުޅުމެއް އުފެއްދުން. އެފަދަ ގުޅުމެއް މި ކްލަބުގެ ކުޅުންތެރިންނާއި އަހަންނާއި ދެމެދު އެބައޮތް. ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ފަރާތުން ގުޅިގެން ރަނގަޅު ނަތީޖާތަކެއް ނެރުމަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން" ކޮންޓްރެކްޓް އާކުރުމަށްފަހު ގާޑިޔޯލާ ބުންޏެވެ.

މީގެކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދީފައިވާ ގާޑިޔޯލާ ވަނީ ސިޓީ އަށް ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕް މި ސީޒަނުގައި ކާމިޔާބުކޮށްދީފައެވެ. މި ކާމިޔާބީތަކާއެކު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމާއި އިނގިރޭސި ވިލާތުގެ ލީގު މެނޭޖާސް އެސޯސިއޭޝަން (އެލްއެމްއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ގާޑިޔޯލާ އަށް ވަނީ ލިބިގެން ގޮސްފައެވެ.

ސިޓީން މިފަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރީ މޮޅު ކުޅުމެއް ދައްކައި ގިނަ ރެކޯޑުތަކެއް ވެސް މުގުރާލުމަށްފަހުއެވެ. އެގޮތުން ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމުގެ ރެކޯޑާއި އެންމެ ގިނަ މޮޅު އަދި އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑު ސިޓީން ވަނީ މުގުރާލާފައެވެ.

މި ތިން ރެކޯޑަކީ ވެސް މީގެކުރިން ޗެލްސީގެ އަތުގައި އޮތް ތިން ރެކޯޑުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮރީނިއޯ

    މެޗުތަކުން ބަލިވާންހެދީމަ ގުޅުންއޮތްކަމެއް އެގޭނީ މިފަހަރު މޮޅުވާންވީ ޗެލްސީގެ ކޯޗް ކޮންޓޭ ވެސް ތިކަހަލަ މޮޅުވި އެކަމަކު މިހާރަކުނެތް މޫނާއި މޫނު ދިމާވާ އެކަކުވެސް