މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ މިޑްފީލްޑަރ، އިލްކާއި ގުންޑޮގާން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ޖަރުމަނުގެ މިޑްފީލްޑަރު ގުންޑޮގަން ބައްޔަށް ފައްސި ވުމާއިއެކު މިހާރު ހުރީ އިނގިރޭސި ޕްރިމިއާ ލީގުން ކަނޑައަޅާފައިވާ ކަރަންޓީން އުސޫލުގެ ދަށުން 10 ދުވަހަށް އަމިއްލައަށް އެކަހެރި ވެގެންނެވެ.

ސިޓީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގުންޑޮގާން ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ. އަދި ކުލަބުގެ އެންމެންވެސް އެދެނީ އަވަސް ޝިފާއަކަށް ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެެވެ.

ގުންޑޮގާން ކޮވިޑް-19 އަށް ފައްސި ވިއިރު، މި މަހުގެ ކުރީކޮޅު ސިޓީއަށް ކުޅެމުން އަންނަ އަލްޖީރިއާގެ ފޯވާޑް ރިޔާދް މާރޭޒް އާއި ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓުވެސް ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. މި ދެ ކުޅުން ތެރިން ބަލިން ރަގަޅުވެ މިހާރުވަނީ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައި ޓީމާއި ގުޅިފައެވެ.

އައު ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ ކުޅޭ ފުރަތަމަ މެޗު ރޭ ވޯލްފްސް އާއި ދެކޮޅަށް ނިކުމެ 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރިއިރު ގުންޑޮގަން ކޮވިޑަށް ފައްސިވުމާއި އެކު މި މެޗުގައި ބައިވެރިވެފައި ނުވެއެވެ.

މި މަހުގެ 12 ވަނަ ދުވަހު ޕްރިމިއާ ލީގުގެ ކުޅުން ފެށި ނަމަވެސް، ސިޓީން މިހާތަނަށް ލީގުގައި މެޗެއް ކުޅެފައި ނުވަނީ އެޓީމުން މިދިޔަ އޮގަސްޓް މަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމާ ގުޅިގެންނެވެ.