ރޭ އިގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ވޯލްވްސް ބައްދަލު ކުރި މެޗު ސިޓީ އިން ކާމިޔާބުކޮށް ސީޒަންގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ވޯލްވްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުން މޮޅުވެ ސިޓީ އިން ވަނީ މިހާތަނަށް ޖެހިޖެހިގެން 10 ސީޒަންގައި ފުރަތަމަ މެޗުން މޮޅުވި ހަމައެކަނި ޓީމަށް ވުމުގެ ރެކޯޑު ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސިޓީއިން މޮޅު ކުޅުމެއް ދެއްކި އިރު ފުރަތަމަ ހާފުގައި ވަނީ ދެ ލަނޑު ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ލަނޑު 20 ވަނަ މިނަޓްގައި ލިބުނު ޕެނަލްޓީއެއްގައި ކެވިން ޑިބްރޮއިނާަ ވަނީ ކާމިޔާބު ކޮށްފައެވެ. އޭގެ މާ ގިނައިރުތަކެއް ނުވެ ސިޓީން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 32 ވަނަ މިނަޓް ގައި ރަހީމް ސްޓާލިންގެ އެހީތެރި ކަމާއިއެކު މި ލަނޑު ކާމިޔާބު ކުރީ ފިލް ފޮޑެން އެވެ.

މެޗުގެ ފުރަތަމަ ހާފް 2-0 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފްގެ 78 ވަނަ މިނަޓްގައި ވޯލްވްސް އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު ޑެނިއެލް ޕޮޑެންސްގެ އެހީއާއެކު ކާމިޔާބު ކޮށްދިނީ ރައުލް ޖިމިނެޒްއެވެ. ސިޓީގެ ތިން ވަނަ ލަނޑު މެޗު ނިމެން ވަނިކޮށް ގެބްރިއަލް ޖީސަސް ކާމިޔާބުކުރީ ޑިބްރޮއިނާ ހޯދާ ދިން ފުރުސަތެއް ގައެވެ.

މި މެޗުން މޮޅުވެ ސިޓީން 3 ޕޮއިންޓު ހޯދިއިރު މިހާރު އެޓީމް އޮތީ ތާވަލްގެ 7 ވަނައިގައެވެ. ވޯލްވްސް 12 ވަނާގައި އޮތީ ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ 3 ޕޮއިންޓާ އެކުގައެވެ.