ސްޕެއިންގެ ބާސެލޯނާއިން ވާދަވެރި އެތްލެޓިކޯ މެޑްރިޑަށް އެ ޓީމުގެ ސްޓްރައިކާ ސުއަރޭޒް ވިއްކާލުމަށް އެއްބަސްވެއްޖެ އެވެ.

ބާސާގެ ކޯޗުކަމާއި ނެދަލެންޑުގެ ރޮބާޓް ކޫމަން ހަވާލުވެ އެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން ދާއިރު މީގެ ކުރިން ކޫމަން ވަނީ އޭނާގެ ޕްލޭންގައި ސުއަރޭޒް ނުހިމެނޭ ކަމަށް ބުނެފައެވެ. ނަމަވެސް ސުއަރޭޒްވަނީ މީގެ ކުރިން ބެންޗުގައި ހުންނަން ޖެހުނަސް ބާސާ ދޫކޮށްލަން ބޭނުން ނުވާކަމަށް ބުނެފައެވެ.

ސުއަރޭޒް އެތްލެޓިކޯއާއި ގުޅޭނީ ހިލޭ އެއްބަސްވުމެއްގެ ދަށުންކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފައި ވާއިރު އެތްލެޓިކޯއިން ބާސާއަށް ނޯމިނަލް ފީގެ ގޮތުގައި 4 މިލިއަން ޕައުންޑާއި ގާތްކުރާ އަދަދެއް ދައްކަން ޖެހޭނެކަމަށް ހާމަކޮށްފައި ވެއެވެ. ކުރިން ބާސާގެ ރައީސް ސުއަރޭޒް އެތްލެޓިކޯއަށް ހިލޭ ވިއްކާލުމަށް އެއްބަސްނުވި ނަމަވެސް ފަހުން ސުއަރޭޒްގެ އޭޖެންޓުންނާއި ބައްދަލުކޮށް ވަނީ އެއްބަސްވުމަށް އައިސްފައެވެ.

ރިޕޯޓުތަށް ބުނާގޮތުގައި ސުއަރޭޒްއަށް އެތްލެޓިކޯއިން މުސާރައެއްގެ ގޮތުގައި ދޭނީ އަހަރަކު 15 މިލިއަން ޕައުންޑެވެ. މީގެ ކުރިން ސުއަރޭޒް ޔުވެންޓަސާއި ގުޅެން މަސައްކަތް ކުރިއިރު އޭނާ އަށް އެ ކުލަބާއި ނުގުޅެވުނީ އިޓަލީގެ ޕާސްޕޯޓެއް ހައްދަން ޖެހުމުންނާއި ލިބިފައި އޮތް ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެކަންވާން ނެތުމުންނެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒް 74 މިލިއަން ޕައުންޑުގެ އަގަކަށް 2014 ވަނަ އަހަރު ލިވަޕޫލުން ބާސާ އާއި ގުޅުނު އިރު އޭނާ ވަނީ ބާސާ އާއިއެކު ހަތަރު ލަލީގާ، ކޮޕަޑެލްރޭ އަދި އެއްފަހަރު ކުލަބް ވޯލްޑްކަޕް އާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. ބާސާއަށް މިހާތަނަށް 283 މެޗު ސުއަރޭޒް ކުޅެދީފައި ވާއިރު އޭނާ ވަނީ އެ ޓީމަށް 198 ލަނޑު ކާމިޔާބު ކޮށްދީފައެވެ.