އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ރޭ ޗެލްސީ އާއި ބާންސްލޭ ބައްދަލު ކުރި މެޗު ފަރަގު ބޮޑު ނަތީޖާ އަކުން ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ބާންސްލޭގެ މައްޗަށް ކުރި ހޯދީ 6-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުން މޮޅުވެ ޗެލްސީއިން ލީގު ކަޕުގެ ހަތަރު ވަނަ ބުރަށް ދަތުރު ކުރިއިރު އެ ޓީމުގެ ކައި ހެވާޓްޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 19 ވަނަ މިނެޓްގައި ޓެމީ އަބްރަހަމް ކާމިޔާބުކުރި އިރު 28 ވަނަ މިނެޓް ގައި ޗެލްސީއިން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މޭސޮން މައުންޓުގެ އެހީ އާއެކު ކާމިޔާބު ކުރީ ހެވާޓްޒް އެވެ.

މެޗުގެ ފުރަތަމަ ހާފް 2-0 ގެ ނަތީޖާ އަކުން ނިމިގެން ދިޔަ އިރު ދެވަނަ ހާފަށް ނިކުމެ ޗެލްސީން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ. ދެވަނަ ހާފްގެ 49 ވަނަ މިނެޓްގައި ރޮސް ބާކްލޭ ތިން ވަނަ ލަނޑު ކާމިޔާބު ކުރިއިރު އޭގެ ހަމިނެޓް ފަހުން އަބްރަހަމްގެ އެހީ އާއެކު ހެވާޓްޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ޗެލްސީގެ ފަސް ވަނަ ލަނޑަކީވެސް އަބްރަހަމްގެ އެހީއާއެކު ހެވާޓްޒް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއި އެކު ހެވާޓްޒް ހެޓްރިކް ހެދިއިރު މެޗުގެ ފަހު ލަނޑު ޗިލްވެލްގެ އެހީ އާއެކު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އޮލިވާ ޖިރޮޑެވެ.

މެޗަށްފަހި ޗެލްސީގެ ކޯޗު ލަމްޕާޑު ބުނީ ހެވާޓްޒް މިރޭ ދެއްކި ކުޅުމާއި މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ.