އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ހުނަރުވެރި ފޯވާޑް، ޒަލަޓަން އިބްރަހިމޮވިޗް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އޭސީ މިލާނުން މިއަދު މިކަން ހާމަކޮށްފައި ވާއިރު، އެ ކްލަބުން ބުނެފައިވަނީ އޭނާ ފައްސިވުމާއި ގުޅިގެން މިހާރު ކަރަންޓީނަށް ފޮނުވާލާފައިވާ ކަމަށެވެ.

ކްލަބުން މިކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިބްރަހިމޮވިޗް ކޮވިޑް-19 އަށް ފައްސިވީ ކްލަބްގެ ހުރިހާ ކުޅުންތެރިންގެ ސުންކު ނަގައި ހެދި ޓެސްޓުތަކަކުން ކަމަށެވެ. އޭނާ މި ބައްޔަށް ފައްސިވި ނަމަވެސް އެހެން ކުޅުންތެރިންގެ ޓެސްޓުތައް ނައްސި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް އޭސީ މިލާނާއި ގުޅިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެއަށްފަހު މި ސީޒަންގައި މިހާތަނަށް ކުޅުނު މެޗްތަކުގައި އޭނާ ތިން ލަނޑު ކާމިޔާބުކޮށްފައި ވެއެވެ.

އިބްރަހިމޮވިޗް ކޮވިޑް-19 އަށް ފައްސިވިއިރު، މިދިޔަ ބުދަ ދުވަހު އޭސީ މިލާންގެ ޑިފެންޑަރ ލިއޯ ޑުއާޓވެސް ވަނީ މިބައްޔަށް ފައްސިވެފައެވެ.

މީގެ އިތުރުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ މިޑްފީލްޑަރ، އިލްކާއި ގުންޑޮގާން އާއި އެ ޓީމުގެ ފޯވާޑް ރިޔާދް މާރޭޒް އާއި ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓުވެސް މީގެ ކުރިން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ.