އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ސިޓީ އާއި ބޯންމައުތު ބައްދަލު ކުރި މެޗު ސިޓީން ކާމިޔާބު ކޮށް ލީގު ކަޕުގެ ހަތަރު ވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

މެންޗެސްޓާ ސިތީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ސިޓީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅުނު އިރު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ސިޓީ އިންނެވެ. މެޗުގެ 18 ވަނަ މިނެޓްގައި ފިލް ފޯޑެންގެ އެހީ އާއިއެކު ސިޓީއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ލިއަމް ޑިލަޕް އެވެ. އޭގެ ހަތަރު މިނަޓް ފަހުން ބޯންމައުތު އިން ވަނީ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސަމް ސްރިޖް އެވެ.

މެޗުގެ ފުރަތަމަ ހާފް 1-1ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ 75 ވަނަ މިނެޓް ގައި ފިލް ފޮޑެން ވަނީ ސިޓީ އަށް ލަނޑެއް ކާމިޔާބު ކޮށް ހަތަރު ވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްދީފައެވެ.

މި މެޗުން މޮޅުވެ ސިޓީ ލީގު ކަޕްގެ ހަތަރު ވަނަ ބުރަށް ދިޔައިރު ދެން އެ ޓީމު ނިކުންނަން ޖެހޭނީ ބާންލޭ އާއި ދެކޮޅަށެވެ. ސިޓީއިން މި ސީޒަންގައި ލީގް ކަޕް ކާމިޔާބު ކޮށްފިނަމަ 8 ލީގު ކަޕް ކާމިޔާބު ކުރުމުގެ ރެކޯޑާއި ހަމަ ކުރެވޭނެއެވެ.