ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއާ ޑޭވިޑް ބެކަމް މާމުއި ވިއްކަން ފެށުމަށް ތައްޔާރުވެއްޖެއެވެ.

"ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބެކަމް މާމުއި ވިއްކުމަށް ޝައުގުވެރިކަން އުފެދިފައި ވަނީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން އިއުލާނު ކުރި ފުރަބަންދާއެކު ގޭގައި މަޑުކުރަން ޖެހުމުންނެވެ.

އޭނާ އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ އަދި އާއިލާއިން ދިރިއުޅެމުން އަންނަ ގޭގެ ބަގީޗާގައި މިހާރު ވަނީ މާމުއި ހަތައެއް ހަދާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި ވަރަށް އަވަހަށް "އޮރްގޭނިކް" މާމުއި ބެކަމް ވިއްކަން ފަށާނެ ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ބެކަމް ވަނީ ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ހޮބީއެއްގެ ގޮތުގައި ފެށި މި މަސައްކަތް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި، ސްނެޕްގައިވެސް ވަނީ މާމުއި ހޯދުމަށް ބެކަމް ކުރާ މަސައްކަތުގެ ވީޑިއޯތައް ހިއްސާކޮށްފައެވެ.

"ދަ ސަން" ނޫހާއި ހަވާލާދީ ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު ބެކަމް މަސައްކަތް ކުރަމުން އަންނަނީ އެގޭގައި އުފައްދާ މާމުއި ވިއްކުމަށެވެ. އަދި މި މާމުޔަކީ އިތުރު އެއްޗެއް އެއްކުރުމެއް ނެތް ތާޒާ މާމުއި ކަމަށް އެނޫހާއި ހަވާލާދީ ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

"މިއީ އަހަރެން ފުރަބަންދު ތެރޭގައި ގޭގައި އޮންނަން ޖެހުމުން ހޮބީއެއްގެ ގޮތުގައި ފެށި މަސައްކަތެއް. އެހެން ނަމަވެސް މިހާރު ހިޔާލު މި ކުރަނީ މާމުއި ވިއްކައިގެން އާމްދަނީއެއް ހޯދަން" ބެކަމް ބުނެފައި ވެއެވެ.

ބެކަމް މި މަސައްކަތް މިހާރު ކުރަމުން އަންނަނީ އޭނާގެ އާއިލާ އާއި، ރަހުމަތްތެރިންގެ ވެސް އެހީތެރިކަމާއި އެކު ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މި ވިޔަފާރި އިތުރަށް ފުޅާ ވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، މިކަން ހުއްޓާލުމަށް ހިޔާލު ނުކުރާ ކަމަށް ބެކަމް ވަނީ ބުނެފައެވެ.

ބަކްމަން އާއި އޭނާގެ އާއިލާ އަދި ރަހުމަތްތެރިން މާމުއި ކުޅަނދުރުތަކާއި އެކު ހާއްސަ ހެދުމުގައި މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ އަދި ފޮޓޯތައް ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞޮއްޓި

    މަވެސް އެބަ ވިއްކަމޭ ރިހާކުރު، އެވާހަކަވެސް ޖަހާލި ނަމަ..

  2. ޞާބިރާ

    އަހުރެން ފުރަބަންދުގައި ފެށީ ހެދިކާވިއްކަން! އެކަމކު މިތަންފެނި ހުރިހާގެޔެއްގައި ހެދިކާހަދަންފެށުމުން ޖެހުނުތަންވެސް ނުޖެހުނު! މިރަށުގައި އުޅެނީ 700 މީހުން! ބެކަމްމެން ވިއްކާ މާމުއި ގަންނަން އެތައް މިލިޔަނަކުން މީހުންތިބޭނެ!