ރޭ އިގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ވެސްޓް ބްރޮމްވިޗް އަލްބިއޮން ބައްދަލު ކުރި މެޗުގައި ފަހު ވަގުތު ޗެލްސީން ކާމިޔާބު ކުރި ލަނޑާއި އެކު ބަލި ނުވެ އެ ޓީމު ސަލާމަތް ވެއްޖެ އެވެ.

ރަށުން ބޭރުގައި ރޭ ޗްލްސީން ކުޅުނު މި މެޗު ވެސްޓް ބްރޮމް އާއި އެއްވަރުވީ 3-3 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފް ގައި ވެސްޓް ބްރޮމް އިން ވަނީ ޗެލްސީގެ މައްޗަށް ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި މަތެއުސް ޕެރެއިރާ ދިން ޕާހަކުން ކަލުމް ރޮބިންސަން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 25 ވަނަ މިނެޓްގައި ތިއާގޯ ސިލްވާ ހެދި ގޯހެއްގެ ފައިދާ ނަގައި ރޮބިންސަން ވަނީ ވެސްޓް ބްރޮމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެެވެ. އޭގެ ދެ މިނެޓު ފަހުން ވެސްޓްބްރޮމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ޑާނެލް ފާލޯންގުގެ އެހީއާއެކު އެ ޓީމަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ކައިލް ބާޓްލީ އެވެ.

މެޗުގެ ދެވަނަ ހާފުގައި ޗެލްސީ ގިނަ ބަދަލު ތަކަކާއި އެކު ނިކުމެ ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޗެލްސީން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. މެޗުގެ 70 ވަނަ މިނެޓުގައި ހަވާޓްޒްގެ އެހީއާއި އެކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކަލުމް ހަޑްސަން-އޮޑޯއި ވަނީ ޗެލްސީއަށް ލީޑު ކުޑަކޮށް ދީފައެވެ. ޗެލްސީން މިމެޗު ބަލިނުވެ ސަލާމަތްވީ ފަހުވަގުތު ކޮޅު ޓެމީ އަބްރަހަމް ކާމިޔާބު ކޮށްދިން ލަނޑަކާއި އެކުގައެވެ.

ޗެލްސީން މިމެޗަށް ބަދަލް ތަކަކާއި އެކު ނިކުތްއިރު އެ ޓީމުގެ ގޯލު ބެލެހެއްޓީ ވިލީ ކަބަލޭރޯއެވެ. އަދި މި ސީޒަންގައި އެ ޓީމާ ގުޅުނު ތިއާގޯ ސިލްވާ އޭނާގެ ފުރަތަމަ މެޗު ޗެލްސީއަށް ކުޅެދިން އިރު ވަނީ އެ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ. މިމެޗުން އެއްވަރުވެ ޗެލްސީ ލީގު ތާވަލުގެ ހަވަނައިގަ އޮތްއިރު ވެސްޓް ބްރޮމްވިޗް އޮތީ 16 ވަނާގައެވެ.