ރޭ ޖަރުމަނު ބޮންޑަސް ލީގާ ގައި ޑޯޓްމަންޑާއި އޯގްސްބާގު ބައްދަލު ކުރި މެޗުގައި އޯގްސްބާގުން ޑޯޓުމަންޑުގެ މައްޗަށް ކުރި ހޯދައިފި އެެވެ.

މި މެޗު އޯގްސްބާގުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. ރަށުން ބޭރުގައި ރޭ ޑޯޓްމަންޑު މި މެޗު ކުޅުނު އިރު ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޑޯޓްމަންޑުން ނެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އޯގްސްބާގުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. ޑަނިއެލް ކަލިގިއުރީގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފީލިކްސް އުޑުއޯހައިއެވެ.

މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފުގައި އޯގްސްބާގުން ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން ދެވަނަ ހާފްގެ 54 ވަނަ މިނެޓުގައި ވަނީ ދެވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާކޮށްފަ އެވެ. ފްލޯރިއަން ނީޑަލެހްނާގެ އެހީއާއެކު މި ލަނޑު އޯގްސްބާގަށް ކާމިޔާބުކޮށްދިނީ ކަލިގިއުރީއެވެ.

ރޭ މެޗުން ޑޯޓްމަންޑުން ބަލިވުމާއި އެކު މިހާރު އެ ޓީމު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ. ކުޅުނު ދެ މެޗުން އެ ޓީމަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޑޯޓްމުންޑް ބަލިކުރި އޯގްސްބާގް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކުއެވެ.

ލީގުގައި ދެން ޑޯޓްމުންޑް ކުޅޭ މެޗުގައި އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ފްރެއިބާގާ ދެކޮޅަށެވެ.