އިގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓަޑާއި ބްރައިޓަން ބައްދަލު ކުރި މެޗުން ޔުނައިޓެޑް ހަނި ގޮތަކަށް ކުރި ހޯދައިފި އެވެ.

ރަށުން ބޭރުގައި ޔުނައިޓަޑުން ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާ އަކުން މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކުރި ޕެނަލްޓީ އަކާއި އެކުގަައެވެ. މެޗުގެ ފުރަތަމަ ހާފްގައި ބްރައިޓަނުން ރަނގަޅު ކުޅުމެއް ދެއްކިއިރު އެ ޓީމުގެ ލެއަންޑްރޯ ޓްރޮސާޑް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ވަނީ ދަނޑީގަ ޖެހިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނެގީ ބްރައިޓަނުން ނެވެ. މެޗުގެ 40 ވަނަ މިނަޓުގައި ލިބުނު ޕެންލްޓީގައި މި ލަނޑު ކާމިޔާބު ކުރީ ނީލް މޯޕޭއެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބްރައިޓަނުގެ ކެޕްޓަން ލެވިސް ޑަންކް އަތުން ބައިކޮޅަށް ލަނޑެއް ވަދެ ވަނީ މެޗުގެ ނަތީޖާ އެއްވަރު ވެފައެވެ. މެޗުގެ ފުރަތަމަ ހާފް 1-1 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފް 55 ވަނަ މިނަޓުގައި ޔުނައިޓަޑުން ވަނީ ލީޑު ނަގާފައެވެ. ބުރްނޯ ފެނާންޑެސްގެ އެހީއާއި އެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޯޑެވެ. މެޗުގެ ފަހު މިނަޓުގައި ބުރައިޓަނުގެ އަލީރިޒާ ޖަހަންބަޚްޝް ހުރަސްކޮށްދިން ބޯޅައަކުން ސޮލީ މާޗް ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރު ކޮށްފައެވެ.

ޔުނައިޓަޑުން މޮޅުވި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ރެފުރީ މެޗު ނިންމާލުމަށް ފަހު ވީއޭއާރުން ބަލައި އޭރިއާ ތެރެއިން ބްރައިޓަނުގެ މޯޕޭ އަތުގައި ބޯޅަޖެހުނު ކަމަށް ނިންމައި ދިން ޕެނަލްޓީއަކުން ބުރުނޯ ފެނާންޑެސް ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުން މޮޅުވެ ޔުނައިޓަޑު ތާވަލްގެ 13 ވަނާގައި އޮތީ ކުޅުނު ދެމެޗުން 3 ޕޮއިންޓު ލިބިގެނެވެ.