ރޭ ސްޕެއިނިޝް ލަލީގާ ގައި ޗެމްޕިއަން ރެއާލް މެޑްރިޑާއި ރެއަލް ބެޓިސް ބައްދަލު ކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފި އެވެ.

ރެއަލް ބެޓިސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު މެޑްރިޑުން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނެގީ ރެއާލުން ނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބެންޒީމާގެ އެހީތެރި ކަމާއިއެކު މި ލަނޑު ކާމިޔާބު ކުރީ ވަލްވާޑޭ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި ސާޖިއޯ ކެނަލެސްގެ އެހީއާއި އެކު މަންޑީ ވަނީ ބެޓިސް އަށް އެއްވަރު ކޮށްދީފައެވެ. އޭގެ ދެމިނަޓުފަހުން އަނެއްކާވެސް ރެއަލް ބެޓިސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އަބުރާލިއެވެ، މި ލަނޑު ނަބިލް ފެކިރްގެ އެހީ އާއިއެކު ކާމިޔާބު ކުރީ ވިލިއަމް ކާވަލްހޯ އެވެ.

މެޗުގެ ފުރަތަމަ ހާފް 2-1 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފްގެ 48 ވަނަ މިނެޓްގައި ރެއަލް ބެޓިސްގެ އެމާސަން އަތުން ބައިކޮޅަށް ލަނޑެއް ވަދެ ވަނީ ނަތީޖާ އެއްވަރު ވެފައެވެ. އަދި މެޗުގެ 67 ވަނަ މިނެޓުގައި އެމާސަން މެޑްރިޑުގެ ލޫކާ ޖޮވިކްއަށް ކުރި ފައުލަކާއި ގުޅިގެން ވަނީ ރަތްކާޑު ދައްކާފައެވެ. ރެއާލުން މި މެޗު ކާމިޔާބު ކުރީ 82 ވަނަ މިނަޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސަޖިއޯ ރާމޮސް އެވެ.

މި މެޗުން މޮޅުވެ ރެއާލްމެޑްރިޑު މިހާރު ތާވަލްގެ ފަސް ވަނާގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ލިބިގެނެވެ. އަދި ރެއަލް ބެޓިސް ތާވަލްގެ ދެވަނާގައި އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓާ އެކުގައެވެ.