ވިޔަރެއާލް ބަލިކޮށް ބާސެލޯނާ އިން މޮޅަކާއެކު ސްޕެނިޝް ލީގު ފަށައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗް ބާސާ އިން ކާމިޔާބުކުރީ 4-0 އިންނެވެ. މިއީ ކީކޭ ސެޓިއެން ވަކިކޮށް ބާސާގެ ކޯޗުގެ މަގާމް ހަވާލުކުރި ހޮލަންޑުގެ ރޮނާލްޑް ކޮއެމަންގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. ސެޓިއެން ބޭރުކުރީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ލަދުވެތި ގޮތަކަށް ބާސާ ބަލިވުމުންނެވެ.

ކޮއެމަންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ ސްޕެއިންގެ ޒުވާން ފޯވަޑް އަންސޫ ފާޓީ އަށް ފުރުސަތު ދީފައެވެ. ފާޓީއާއެކު ޓީމްގެ އެޓޭކް ފުރިހަަމަ ކުރީ އެންޓޮއިން ގްރީޒްމަން އާއި ކެޕްޓަން ލިއޮނެލް މެސީގެ އިތުރުން ފެލީޕެ ކުޓީނިއޯއެވެ.

ކޭމްޕް ނައުގައި ކުޅުނު މި މެޗްގައި ބާސާ އިން ޖެހި ފުރަތަމަ ގޯލް މެޗް ފަށައިގެން 15 ވަނަ މިނެޓުގައި ޖެހީ ފާޓީއެވެ. އަރިމަތިން ޖޯޑީ އަލްބާ ތިރިތިރިން ދިން ޕާސް ފާޓީ ގޯލުގެ މަތީ ކަނަށް ވައްދާލީ އެއްފަހަރުން ޖަހައެވެ. އޭގެ ތިން މިނެޓް ފަހުން ފާޓީ ވަނީ ދެ ވަނަ ގޯލެއް ޖަހައި ބާސާގެ ލީޑް ފުޅާކޮށްދީފައެވެ. މި ގޯލް އޭނާ ކާމިޔާބު ކުރީ ކުޓީނިއޯ އުފެއްދި ހަމަލާއެއްގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ކައިރި ކަނަށް ތިރިތިރިން ބޯޅަ ވައްދާލައިގެންނެވެ.

ބާސާގެ ތިންވަނަ ގޯލް މެޗްގެ 35 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ އޭރިއާ ތެރެއިން ފާޓީ އަށް ވިޔަރެއާލް ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ބާސާ އަށް ދިން ޕެނަލްޓީ އެކެވެ. ބާސާ އިން ލީޑު ހަތަރު ގޯލަށް ފުޅާކުރީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވިޔަރެއާލްގެ ޑިފެންޑަރު ޕައު ޓޮރެސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ރެއާލް ބެޓިސްއެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ގްރަނާޑާ ދެވަނައިގައި އޮތްއިރު ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމުގައެވެ.

ބާސެލޯނާ އޮތީ ކުޅުނު ހަމައެކަނި މެޗުން ހޯދި ތިން ޕޮއިންޓާއެކުގައެވެ.