މިދިޔަ ސީޒަންގެ ޕްރިމިއަ ލީގުގެ ރަން ބޫޓު ޙާސިލްކުރި އިނގިރޭސި ތަޖުރިބާކާރު ފޯވަޑް ޖެއިމީ ވާޑީގެ ހެޓްރިކަކާއެކު 5-2 ގެ ނަތީޖާއަކުން މެންޗެސްޓަ ސިޓީ ބަލިކޮށް ލެސްޓާ އިން ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗް ލެސްޓާ އިން ކާމިޔާބުކުރި ނަމަވެސް މެޗްގައި ފެނިގެންދިޔަ ފުރަތަމަ ގޯލް ޖެހީ ސިޓީ އިންނެވެ. މެޗްގެ ހަތަރު ވަނަ މިނެޓުގައި މި ގޯލް އެ ޓީމަށް ޖަހައިދިނީ އަލްޖީރިއާގެ ފޯވަޑް ރިޔާދް މާރޭޒެވެ. ލެސްޓާ އަށް ނަތީޖާ އެއްވަރު ކޮށްދިން ގޯލް ވާޑީ ޖެހީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ އޭރިއާ ތެރެއިން 33 އަހަރުގެ ފޯވާޑަށް ސިޓީގެ ފުލްބެކް ކައިލީ ވޯކާ ކުރި ފައުލަކާ ގުޅިގެން ރެފްރީ ސިޓީ އަށް ދިން ޕެނަލްޓީއެކެވެ. ލެސްޓާ އިން ނަތީޖާ އެއްވަރު ކުރުމުގެ ކުރިން ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އިދިކޮޅު ގޯލްކީޕަރު ކެސްޕާ ޝްމައިކަލްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ބުނެ އެ ގޯލް ބާތިލްކޮށްފައެވެ.

ލެސްޓާ އިން މެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ވާޑީ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ހަތަރު މިނެޓު ފަހުން ވާޑީ އޭނާގެ ހެޓްރިކް ފުރިހަމަކުރި ގޯލު ޖެހީ އަނެއްކާވެސް ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ އޭނާ އަށް ސިޓީގެ ސެންޓަ ބެކް އެރިކް ގާސިއާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

ލެސްޓާގެ ހަތަރު ވަނަ ގޯލް 77 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭމްސް މެޑިސަން އެވެ. އޭރިއާ ބޭރުން މެޑިސަން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗް ނިމެން ހަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ހޮލަންޑުގެ ޑިފެންޑަރު ނަތާން އާކޭ ބޮލުން ކާމިޔާބުކުރި ގޯލުން ސިޓީން ފަރަގު ކުޑަކުރި ނަމަވެސް ލެސްޓާގެ ޔޫރީ ޓިއެލަމަންސް ވަނީ 88 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން އެޑަސަންގެ ގޯލު ފޫއަޅުވާލައި މެޗްގެ ނަތީޖާ 5-2 އަށް ބަދަލުކޮށްފައެވެ.

މި ނަތީޖާއާއެކު ލެސްޓާ އެއްވަނަ އަށް ޖެހިލީ ތިން މެޗުން ހޯދި 9 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އެވަޓަން އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ލެސްޓާ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ސިޓީ އޮތީ ދެ މެޗުން ލިބުނު 3 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.

ސިޓީ އަށް ދެން ކުރިއަށް އޮތީ އަންނަ ބުދަ ދުވަހު ބާންލީ އާއި ދެކޮޅަށް އިނގިރޭސި ލީގް ކަޕްގައި ކުޅެން އޮތް މެޗެވެ. އޭގެ ފަހުން ލީގުގައި ސިޓީ ދެން އެންމެ އަވަހަށް ނުކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ. އަނެއްކޮޅުން ލެސްޓާ އަށް ދެން ކުރިއަށް އޮތީ ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ކުޅެން އޮތް ލީގް މެޗެވެ.