އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ އާސެނަލް އިން ގޯލެއް ޖަހައި ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ތިން ގޯލް ޖަހައިގެން ލިވަޕޫލުން މެޗު ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އާސެނަލުން ލީޑު ނެގީ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައެވެ. ލިވަޕޫލްގެ ޑިފެންޑަރު އެންޑްރޫ ރޮބަޓްސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މި ގޯލް އާސެނަލް އަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެލެގްޒަންޑާ ލަކަޒެޓްއެވެ. އާސެނަލުން ނެގި ލީޑު އެ ޓީމަށް ހިފަހައްޓާލެވޭ ވަރުވީ އެންމެ ދެ މިނެޓު ވަންދެންނެވެ. ފްރާންސް ފޯވަޑް ލަކަޒަޓް ގޯލް ޖެހިތާ ތިންވަނަ މިނެޓުގެ ތެރޭގައި ފޯވާޑް ސަޑިއޯ މާނޭ ވަނީ ގޯލް ޖަހައި ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ލިވަޕޫލުން ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ 34 ވަނަ މިނެޓުގައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުލްބެކް ޓްރެންޓް އެލެގްޒެންޑަ އާނޯލްޑް ނަގައިދިން ހުރަހަކުން ރޮބަޓްސަންއެވެ. ރޮބަޓްސަންގެ ގޯލަށްފަހު ނަތީޖާ އާސެނަލް ކޮޅަށް އަނބުރާލަން އެ ޓީމަށް ރަނުގެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގައި އާސެނަލް އިން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިން ލަކަޒަޓް އަށް ލިބުނު ހުސް ދެ ފުރުސަތުގައި ވެސް އޭނާ އަށް ގޯލަށް ބޯޅަ ފޮނުވާލެވުނީ މާ މަޑުންނެވެ. ލަކަޒަޓް އަށް ލިބުނު ދެވަނަ ފުރުސަތުގައި އޭނާ ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް ވަނަ ނުދީ ސަލާމަތްކުރުމުގައި ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ ވަނީ ހުޝިޔާރުކަން ދައްކައިފައެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ތިންވަނަ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ 47 މިލިއަން ޕައުންޑަށް ވޮލްވްސް އިން ލިވަޕޫލަށް ދާދި ފަހުން ބަދަލުވި އުމުރުން 23 އަހަރުގެ ޑިއޮގޯ ޖޯޓާއެވެ.

ރޭ އާސެނަލްގެ މައްޗަށް ހޯދި މޮޅާއެކު މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލިވަޕޫލް ވަނީ ތާވަލުގެ ދެވަނަ އަށް ޖެހިލައިފައެވެ. ލިވަޕޫލާ އެއްވަރަށް ޕޮއިންޓް ލިބިގެން އެއްވަނައިގައި ލެސްޓަ ސިޓީ އޮތްއިރު އާސެނަލް އޮތީ ހަ ޕޮއިންޓާ އެކު ފަސް ވަނައިގައެވެ.

މިއީ އާސެނަލްގެ ކޯޗުކަމުގެ މަގާމާ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މިކެލް އާޓެޓާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ފަހުން ލިވަޕޫލް އަތުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގެ ކުރިން އާސެނަލް އާއި ލިވަޕޫލް ދެފަހަރެއްގެ މަތިން މިއަހަރު ވާދަކޮށްފައިވާ އިރު އެ ދެފަހަރުވެސް މެޗު ކާމިޔާބުކޮށްފައިވަނީ އާސެނަލުންނެވެ.

ލީގުގައި އިތުރު މެޗެއް ކުޅުމުގެ ކުރިން މިހަފްތާގައި ލިވަޕޫލާއި އާސެނަލް އަދި އެއްފަހަރު ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ. އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި މި ދެޓީމު ވާދަކުރާ މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ލިވަޕޫލްގެ ދަނޑުގައެވެ.