މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ހަނީމޫން ދުވަސްވަރު ނިމުމަކަށް އައިސްފައިވާ ކަމަށާއި ޔުނައިޓެޑާއެކެ މި ސީޒަންގައި ސޯލްޝެއާ އަށް މަދުވެގެން ތައްޓެއް ކާމިޔާބުކުރެވެން ޖެހޭނެ ކަމަށް އެ ކްލަބުގެ ކުރީގެ ކުޅުންތެރިޔާ ރޯއި ކީން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކްލަބު މެންޗެސްޓަ ޔުނައިޓެޑުން އެންމެ ފަހުން ތައްޓެއް ކާމިޔާބުކޮށްފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން 2017 ވަނަ އަހަރު ޔުރޮޕާ ލީގާއި، ލީގް ކަޕް ހޯދި ފަހުން މިދިޔަ ދެ ސީޒަންގައި ވެސް ޔުނައިޓެޑް ނިންމާލަން ޖެހުނީ ހުސްއަތާއެވެ.

މިއީ، ނޯވޭ އަށް އުފަން ސޯލްޝެއާ ޔުނައިޓެޑާ އެކު ކުރިމަތިލާން ޖެހޭ ތިންވަނަ ސީޒަނެވެ. އޭނާ އާއި ޓީމް ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ސީޒަނުގެ މެދުތެރޭގައެވެ. މިދިޔަ ދެ ސީޒަނުގައިވެސް ސޯލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ލީގު ނިންމާލީ 66 ޕޮއިންޓާއެކުއެވެ.

ނަމަވެސް ފުރަތަމަ ސީޒަނާ ހިލާފަށް ޔުނައިޓެޑުން ވަނީ މިދިޔަ ސީޒަނުގައި ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން ޔުރޮޕަ ލީގް ފައިނަލުގައި ކުޅުމުގެ އިތުރުން ޔުނައިޓެޑު ވަނީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި މިސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފައެވެ. ނަމަވެސް މިއީ ޔުނައިޓެޑްގެ ހަގީގީ ފެންވަރެއް ނޫން ކަމަށް އެ ކްލަބުގެ ލެޖެންޑް ރޯއި ކީން ގަބޫލުކުރެއެވެ.

އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކީން ބުނީ ސޯލްޝެއާ އަށް ކުރިމަތިވަމުން އަންނަ ޕްރެޝަރު ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ކަމަށާއި މިސީޒަންގައި ކޮންމެހެންވެސް ތައްޓެއް ހޯދުން އޭނާ އަށް ލާޒިމް ކަމަށެވެ.

"މިދިޔަ ފަހަރަށްވުރެ މި ސީޒަން ތަފާތު ވާނެ. އޮލޭގެ ޔުނައިޓެޑް ހަނީމޫން މިހާރު ނިމިއްޖެ. އޭނާ އެބަޖެހޭ މިފަހަރު ތައްޓެއް ހޯދަން. މިފަހުން ނެރުނު ނަތީޖާތަކާއެކު ސޯލްޝެއާ އަށް ކުރިމަތިވަމުން އަންނަ ޕްރެޝަރު ވެސް ވަނީ ބޮޑުވާން ފަށާފައި،" ކީން ބުންޏެވެ.

އާ ސީޒަންގެ ޕްރިމިއަ ލީގުގެ ފުރަތަމަ ދެ މެޗްގައި ޔުނައިޓެޑަށް އެހާ ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު ފުރަތަމަ މެޗްގައި ކްރިސްޓަލް ޕަލަސް އަތުން ވީ ބައްޔެވެ. ދެވަނަ މެޗްގައި ބްރައިޓަން އަތުން މޮޅުވީ ކިރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު