އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އާއެކު އެތްލެޓިކޯ މެޑްރިޑްގެ ޖާޒީގައި ކުޅުނެ ބޭނުންނަމަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަށް އެ ކްލަބުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އެތްލެޓިކޯ މެޑްރިޑްގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވެއްޖެ އެވެ.

ސުއަރޭޒް އާއި މެސީ އަކީ ގާތް ދެ ރަހުމަތްތެރިންނެވެ. އިނގިރޭސިވިލާތުގެ ލިވަޕޫލް ދޫކޮށް ސުއަރޭޒް ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވި ހިސާބުން ފެށިގެން މި ދެ ފުޓްބޯޅަ ތަރިން ފެނިގެންގޮސްފައިވަނީ ދަނޑުމަތީގައްޔާއި ދަނޑުން ބޭރުގައިވެސް ގާތް ގުޅުމެއް ބާއްވާ ދެ އެކުވެރިންގެ ގޮތުގައެވެ. ސުއަރޭޒް އަދި މެސީގެ ޒަމާންވީ ރަހުމަތްތެރިކަމަށް މިއަދާ ހަމައަށް ލޮޅުމެއް ނައި ނަމަވެސް މި ދެ ކުޅުންތެރިން ދެން ބާސާ ޖާޒީގައި އެކީގަ ކުޅޭތަން ފެނުމަކީ ދުރު ކަމެކެވެ. ދާދި ފަހުން ބާސެލޯނާގެ އެތެރޭގެ މަސްލަހަތު ގޯސްވެ، ނިންމި އަވަސް ނިންމުންތަކުގެ ތެރޭ އެ ކްލަބުން ވަނީ ސުއަރޭޒް އެތްލެޓިކޯ އަށް ވިއްކާލައިފައެވެ.

ސުއަރޭޒް ވިއްކާލަން ބާސާ އިން ނިންމީ ބެލެވޭ ގޮތުގައި ބާސެލޯނާގެ ކޯޗު ކަމުގެ މަގާމާ އަލަށް ހަވާލުވި ނެދަލޭންޑްސްގެ ރޮނަލްޑް ކޮއެމަންގެ ޕްލޭންގައި އޭނާ ނުހިމެނޭތީއެވެ.

ސުއަރޭޒް އާ މެދު ބާސެލޯނާ އިން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެތުލެޓިކޯ އަށް ސުއަރޭޒް ފޮނުވާލުމުގައި ބާސާ އިން އެއަށްވުރެ ރަނގަޅަށް އޭނާ އާ ދޭތެރޭ ކަންތައްތައް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް މެސީ ވަނީ ބުނެފަ އެވެ.

"ސުއަރޭޒް އަކީ ބާސާ ދުށް އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. ސުއަރޭޒް ވަނީ ޓީމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައި. ސުއަރޭޒް ބޭރުކޮށްލި ގޮތަށް އެކަކުވެސް ބޭރުކޮށްލާ ތަން ދެކޭކަށް ބޭނުމެއް ނޫން. އެކަމަކު ހަގީގަތަކީ މިވަގުތު އެފަދަ ކަމެއް ހިނގުމަކުން އަހަރެން ހައިރާން ނުވާކަން." މެސީ ބުނެފައިވެއެވެ.

ސުއަރޭޒް އަދި މެސީ އެއް ޓީމަކަށް ކުޅޭތަނަކީ މި ދެ ކުޅުންތެރިންގެ ފޭނުން އަބަދުވެސް ދެކެން ބޭނުންވާނެ މަންޒަރެވެ. މިކަމާ ގުޅޭގޮތުން އެތްލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވީ ސުއަރޭޒް އާއެކު މެސީ އެތްލެޓިކޯ ޖާޒީގައި ކުޅެން ބޭނުން ނަމަ އެ ކްލަބުން ބާސާގެ ކެޕްޓަނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ކުރިމަތިވި މައްސަލަގަނޑުގެ ތެރޭގައި މެސީ ވެސް ކްލަބު ދޫކޮށް ދާން ބޭނުންވާކަން ރަސްމީކޮށް ކްލަބަށް އެންގި އެވެ. އެހެން ނަމަވެސް މެސީ މި މަހުގެ ކުރީކޮޅު މީޑިއާ ގައި ބުނެފައި ވަނީ ކުލަބު ދުކޮށްލަން ބޭނުންޥިޔަސް އެހެން ގޮތެއް މިވަގުތު ނެތުމުން ކުލަބުގައި މަޑުކުރަން ނިންމީ ކަމަށެވެ. މެސީ ވަނީ މި މައްސަލަތަކާ ހެދި ފާޅުގައި ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު އަށް ފާޑުވެސް ކިޔައިފައެވެ.