އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކުޅެމުން އަންނަ ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިއާގޯ އަށް ކޮވިޑް-19 ޖެހިފައިވާކަން ލިވަޕޫލުން ވަނީ ދާދި ދެންމެއަކު ކަށަވަރުކޮށްދީފައެވެ. ލިވަޕޫލްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ތިއާގޯ ކޮވިޑަށް ފައްސިވުމުން މިހާރު ހުރީ އަމިއްލަ އަށް އެކަހެރިވެގެން ގޭގައި ކަމަށާއި ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް އޭނާގެ ގައިން ފެނިފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިވަޕޫލުން އަބަދުވެސް އަމަލުކުރާނެ ކަމަށާއި ތިއާގޯ ވެސް ހުންނާނީ ކަނޑައެޅިފައިވާ މުއްދަތު ހަމަވަންދެން ސެލްފް އައިސޮލޭޝަނުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އުމުރުން 29 އަހަރުގެ ތިއާގޯ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ލިވަޕޫލަށް ސޮއިކުރީ 20 މިލިއަން ޕައުންޑް (26 މިލިއަން ޑޮލަރު) އަށެވެ. މި ފައިސާ ދައްކަން އެއްބަސްވީ ތިއާގޯގެ ކޮންޓްރެކްޓްގެ މުއްދަތް ކަމަށްވާ ހަތަރު އަހަރަށް ބަހާލައިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ތިއާގޯ ވަނީ ކުޅެފައެވެ. އެހެންނަމަވެސް އެންމެ ފަހުން އާސެނަލްއާ ވާދަކުރި މެޗުން އޭނާ ފެނިގެންގޮސްފައިނުވެއެވެ. ތިއާގޯ ދެން އެންމެ އަވަހަށްވެސް ލިވަޕޫލް ޖާޒީގައި ފެންނާނީ އޮކްޓޫބަރު މަހުގެ މެދުތެރޭގައެވެ.

ތިއާގޯގެ އިތުރުން މެންޗެސްޓަ ސިޓީއަށް ކުޅެމުން އަންނަ މިޑްފީލްޑަރ، އިލްކާއި ގުންޑޮގާން އާއި އެ ޓީމުގެ ފޯވަޑް ރިޔާދް މާރޭޒް އާއި ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓުވެސް މީގެ ކުރިން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ.