ޕެނަލްޓީގައި ޗެލްސީގެ މައްޗަށް ކުރިހޯދައި ޓޮޓެންހަމް ހޮޓްސްޕާސް އިން އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ލީގް ކަޕްގެ ގަދަ ސޯޅައިގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ޗެލްސީ އަތުން ޓޮޓެންހަމް މޮޅުވީ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-4 އިން ކުރިހޯދައިގެންނެވެ.

ރޭގެ މެޗައް ދެ ޓީމުން ވެސް ނުކުތީ ގިނަ ބަދަލުތަކާ އެކުއެވެ. އެގޮތުން ފްރެންކް ލަމްޕާޑް ވަނީ ޗެލްސީން ދާދި ފަހުން އެ ޓީމަށް ގެނައި ގޯލްކީޕަރު އެޑުއާޑް މެންޑީ އަށް ފުރުސަތު ދީފައެވެ. އަނެއްކޮޅުން ޓޮޓެންހަމްގެ ހެރީ ކޭން ބެންޗުން މެޗް ފެށިއިރު އަނިޔާގެ ސަބަބުން އެ ޓީމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ދެކުނު ކޮރެއާގެ ފޯވަޑް ސޮން ހެއުން މިން މި މެޗައް ނެގި ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރި ނަމަވެސް މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ޗެލްސީ އިންނެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި މި ގޯލް ޗެލްސީ އަށް ކާމިޔާބުކޮށްދިނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޖަރުމަނުގެ އާރުބީ ލެއިޕްޒިގުން އެ ޓީމަށް ބަދަލުވި ޒުވާން ފޯވަޑް ޓިމޯ ވާނާ އެވެ. މިއީ ވާނާ ޗެލްސީ ޖާޒީގައި ޖަހައިދިން ފުރަތަމަ ގޯލެވެ.

ޓޮޓެންހަމުން ނަތީޖާ އެއްވަރު ކުރީ މެޗް ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އެރިކް ލަމެލާ ކާމިޔާބުކޮށްދިން ގޯލުންނެވެ. ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ޓޮޓެންހަމުން ވަނީ އެ ޓީމްގެ 5 ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. ޓޮޓެންހަމުން ޕެނަލްޓީތައް ކާމިޔާބުކުރީ އެރިކް ޑަޔާ، އެރިކް ލަމެލާ، ލޫކަސް މޫރާ އަދި ހޮއެބާގްގެ އިތުރުން ހެރީ ކޭން އެވެ. ޗެލްސީ އަށް މެޗް ގެއްލުނީ އިނގިރޭސި ޒުވާން މިޑްފީލްޑަރު މޭސަން މައުންޓަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމުންނެވެ. މައުންޓްގެ ކުރިން ޓެމީ އަބްރަހަމް، ސެޒާ އަޒްޕިލިކުއެޓާ، ޖޮގީނިއޯ އަދި އެމާސަން ވަނީ ޖެހި ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ.