އިންގްލަންޑުގެ މެންޗެސްޓަ ސިޓީން ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އައި ޑިފެންޑަރު ރުބެން ޑިއާސްގެ ސޮއި ހޯދައިފިއެވެ.

މިދިޔަ ދެ ސީޒަންގައި ޕޯޗުގަލްގެ ޗެމްޕިއަން ބެންފީކާގެ ޑިފެންސްގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 23 އަހަރުގެ ސެންޓަ ބެކް، ރުބެން ޑިއާސް މެންޗެސްޓަ ސިޓީ އަށް ބަދަލުވެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އެ ކްލަބުން ވަނީ ރޭގެ ވަގުތެއްގައި ރަސްމީކޮށް ހާމަކޮށްފައެވެ. ޑިއާސް ސިޓީ އަށް ބަދަލުވީ 62 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އެއްގެ ދަށުން 6 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ސިޓީއާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ޑިއާސް ބުނީ ސިޓީ ފަދަ ޔޫރަޕްގެ ނަން މަޝްހޫރު ބޮޑު ކްލަބަކަށް ބަދަލު ވެވުމުން އުފާވާ ކަމަށާއި ކޯޗް ޕެޕް ގާޑިއޯލާ އާއެކު މަސަތްކަތް ކުރުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އަދި ސިޓީގެ ހުށަހެޅުމަށް އާއެކޭ ބުނީ ސިޓީ އަކީ އޭނާގެ ގޭމް ޕްލޭނާ ވަރަށް ގުޅޭ ސްޓައިލަކަށް ކުޅޭ ޓީމަކަށް ވެފައި އަދި ގާޑިއޯލާގެ އިރުޝާދުގެ ދަށުން އޭނާ އަށް އިތުރު ކަންތައްތައް ދަސްވެގެންދާނެ ކަމަށް ގަބޫލްކުރާތީ ކަމަށް ޑިއާސް ބުންޏެވެ.

ޑިއާސް އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސިޓީން ގަތް ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ޓީމުން ވަނީ ބޯންމައުތު އަށް ކުޅުނު ހޮލަންޑުގެ ޑިފެންޑަރު ނަތާން އާކޭގެ އިތުރުން ވިންގާ ފެރަން ޓޮރެސްގެ ސޮއި ވެސް ހޯދައިފައެވެ. ސިޓީން ޑިއާސް ހޯދީ ގިނަ އަހަރު ތަކެއް ވަންދެން ސިޓީގެ ކެޕްޓަން ބޭންޑް އަޅައިގެން އެ ޓީމުގެ މައިބަދައިގެ ގޮތުގައި ހަރަކާތްތެރިވި ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ކްލަބު ދޫކޮށް ދިއުމުން އޭނާގެ ރިޕްލޭސްމަންޓަކަށެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސިޓީން ވަނީ އާ ސެންޓްރަލް ޑިފެންޑަރެއް ހޯދުމަށް ބޮޑެތި މަސަތްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޑިއާސްގެ ކުރިން ސިޓީން ވަނީ ނަޕޯލީގެ ކަލިދޫ ކުލިބާލީ އަދި އެތްލެޓިކޯ މެޑްރިޑްގެ ހޯސޭ ގިމެނޭޒަށް ވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.