ލޯނުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓަޑުގެ މިޑްފީލްޑަރު އަންޑްރެއަސް ޕެރޭރާ އިޓަލީގެ ލާޒިއޯ އާއި ގުޅިއްޖެއެވެ.

މިސީޒަންގައި ޔުނައިޓަޑުން ކުޅުނު ތިން މެޗުގައި ވެސް ޕެރޭރާ އަށް ކުޅުމުގެ ފުރުސަތު ދީފައި ނުވާ އިރު އޭނާ ލާޒިއޯއާ އެއްބަސްވީ މި ސީޒަންގެ ނިޔަލަށެވެ. އުމުރުން 24 އަހަރުގެ ޕެރޭރާ ޔުނައިޓަޑުގައި އޭނާގެ ސީނިއާ ކެރިއަރު ފެށީ 2014 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިއީ ލޯނުގެ އުސޫލުން އޭނާ ބަދަލުވާ ތިން ވަނަ ކުލަބެވެ. މީގެ ކުރިން އޭނާ ވަނީ ލޯނުގެ އެއްބަސްވުމުގެ ދަށުން ސްޕެއިނުގެ ގްރަނާޑާ އަދި ވެލެންސިއާއަށް ކުޅެ ދީފައެވެ.

ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޕެރޭރާއަށް ޖާގަ ލިބުން ދަތިވެފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔުނައިޓެޑުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅެފައިވަނީ އެންމެ މެޗެކެވެ. ނަމަވެސް ބަދަލު ކުޅުން ތެރިޔެއްގެ ގޮތުގައި އޭނާ އަށް ވަނީ ހަ މެޗު ކުޅުމުގެ ފުރުސަތު ދީފައެވެ.

ނަމަވެސް މިސީޒަންގައި ޔުނައިޓަޑުން ކުޅުނު ތިން މެޗުގައިވެސް ޕެރޭރާ އަށް ކުޅުމުގެ ފުރުސަތު ދީފައި ނުވެއެވެ. މިދިޔަ ސީޒަންގައި ޖުމްލަ 40 މެޗުގައި ޕެރޭރާ އަށް ކުޅެން ފުރުސަތު ލިބުނު އިރު ބުރްނޯ ފެނާންޑޭސް އެ ޓީމާ ގުޅުނު ފަހުން އޭނާއަށް ކުޅުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ.

ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުން ވެސް ޖާގަ ހޯދާފައިވާ ޕެރޭރާ ވަނީ ޔުނައިޓެޑުގައި މިހާތަނަށް ހޭދަކުރި ހަ ސީޒަނުގައި އެ ޓީމަށް 75 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު