ޔުވެންޓަސްގައި މަޑުކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެ ކްލަބުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

އެލެގްރީ މިހެން ބުނެފައިމިވަނީ އޭނާ ގެންނަން އާސެނަލް އިން ޝައުގުވެރިވާ ކަމަށް ބުނެ އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އާސެނަލްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި 22 އަހަރުވަންދެން ހުރި އާސެން ވެންގާ މި ސީޒަނަށްފަހު އެ މަގާމު ދޫކޮށްލަން ނިންމުމާ ގުޅިގެންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެލެގްރީ ބުނީ އޭނާ ޔުވެންޓަސްގައި މަޑުކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި ކްލަބު އިތުރަށް ވާދަވެރި ކުރުމާ ގުޅޭގޮތުން ކްލަބުގެ އިސްވެރިންނާ އެކު އަންނަ ހަފްތާގައި މަޝްވަރާކުރާނެ ކަމަށެވެ.

"އަހަރެން ޔުވެންޓަސްގައި މިހުރީ އުފަލުން. މި ކްލަބާއި އަހަންނާއި ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް" އެލެގްރީ ބުންޏެވެ.

އެލެގްރީ ޔުވެންޓަސްގައި މަޑުކުރާނެ ކަމަށް ބެލެވޭއިރު އާސެނަލްގެ ކޯޗުކަމަށް މިހާރު އައުން އެންމެ ގާތީ އެ ކްލަބަށް ކުރިން ކުޅުނު މިކޭލް އާޓެޓާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އާޓެޓާ އަކީ މިހާރު މެންޗެސްޓަރ ސިޓީގެ އެސިސްޓެންޓު ކޯޗެވެ.

އޭސީ މިލާނަށް ވެސް ކުރިން ކޯޗުކޮށްދިން އެލެގްރީ ވަނީ ޔުވެންޓަސް އާއެކު މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން އިޓާލިއަން ލީގު އަދި އިޓާލިއަން ކަޕް ހޯދާފައެވެ.

މީގެއިތުރުން އެލެގްރީގެ އިރުޝާދުގެ ދަށުން ކުޅެ ޔުވެންޓަސް އިން ވަނީ ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. ނަމަވެސް އެ ދެ ފައިނަލުން ވެސް ޔުވެންޓަސް ވަނީ ބަލިވެފައެވެ.