ޖަރުމަނުގެ ބަޔާން މިއުނިކްގެ މެނޭޖަރުކަން ކުރެވޭނެ ފެންވަރު އެ ޓީމަށް ކުރިން ކުޅެދިން މިޑްފީލްޑަރު ޒަބި އަލޮންސޯ ގައިގައި އެބަހުރި ކަމަށް ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެއެވެ.

ސްޕެއިނުގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އަލޮންސޯ އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ބަޔާނުގެ ޗެއާމަން ރުމެނިގާ ވިދާޅުވީ މުސްތަގްބަލުގައި ކޯޗިންގެ ދާއިރާގެ އެންމެ އުހުން އަލޮންސޯ ފެނިގެންދާނެ ކަމަށާއި އެ ދުވަހަކުން ބަޔާނުގެ ޝައުގުވެރިކަން އަލޮންސޯއާ ދިމާލަށް ދާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ.

"އަލޮންސޯ ގައިގައި އެބަހުރި ބަޔާންގެ މެނޭޖަރުކަން ކުރެވޭނެ ގާބިލްކަން. އޭނާ އަށް އެނގޭ މި ޖެނެރޭޝަނުގެ ކުޅުންތެރިން ލައިގެން މަސަތްކަތް ކުރަން. އަލޮންސޯ ވާނެ ކޯޗަކަށް ކޮންމެވެސް ދުވަހަކުން. އަހަރެމެން ދެ މީހުންނަކީ މިހާރު ވެސް ވަރަށް ގާތް ރަހުމަތްތެރިން. އޭނާ ކޯޗަކަށް ވާ ދުވަހަކުން ބަޔާންގެ ޝައުގުވެރިކަން އޭނާ އަށް އަމާޒުވާނެ. އަހަންނަށް އެ މަންޒަރު ސިފަވޭ މިހާރުވެސް،" ރުމެނިގާ ވިދާޅުވިއެވެ.

އުމުުރުން 38 އަހަރުގެ އަލޮންސޯ އަކީ 21 ވަނަ ގަރުނުގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭ ހިމެނޭ އެކެކެވެ. އަލޮންސޯ ވަނީ ކްލަބާއި ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ރެއާލް ސޮސިއެޑާޑުން ކެރިއަރު ފެށި އަލޮންސޯ އަށް ގިނަ ބަޔެއްގެ ލޯ އަމާޒުވީ 2004 ވަނަ އަހަރު އޭނާ ލިވަޕޫލަށް ބަދަލުވި ފަހުންނެވެ.

އޭގެ ފަހުން އޭނާ ވަނީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާ އެކު ވެސް ކާމިޔާބު ހޯދައިފައެވެ. އަދި ބަޔާންގައި ވެސް އޭނާ ތަފާތު ދެއްކިއެވެ. އަލޮންސޯ ވަނީ ބަޔާނާއެކު ބުންޑެސްލީގާ ތިން ފަހަރު އަދި ޖަރުމަން ކަޕާއި ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ސްޕެއިނުން ޔޫރޯ ދެ ފަހަރު އަދި ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކުރި ޓީމުގައި އަލޮންސޯގެ ދައުރު ބޮޑެވެ.

ރެއާލުގެ ޔޫތު ޓީމުތަކުގައި ކޯޗިންގެ މަސައްކަތްތަކެއް ކުރުމަށް ފަހު އަލޮންސޯ މިހާރު މަސަތްކަތް ކުރަމުން އަންނަނީ އޭނާގެ ކުރީގެ ކްލަބް ސޮސިއެޑާޑްގެ ބީ ޓީމުގައެވެ.