ޖަރުމަނުގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ޝަރަފް ބަޔާން މިއުނިކްގެ މިޑްފީލްޑަރު ތޯމަސް މުލާ އަށް ލިބިއްޖެއެވެ.

މި ޝަރަފް މުލާ އަށް ލިބުނީ ރޭ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ހޯދި ޖަރުމަން ސުޕަ ކަޕް ތައްޓާއެކު ޖަރުމަނުގެ ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ މުލާ އަށް ލިބުމުންނެވެ.

ރޭ ބަޔާނުން އުފުލާލި ސުޕަ ކަޕަކީ މުލާގެ ކްލަބް ކެރިއަރުގައި ކާމިޔާބުކުރި 27 ވަނަ ތައްޓެވެ. ކުރިން މި ރެކޯޑް އޮތީ ޖަރުމަނުގައި 26 ތަށި ކާމިޔާބުކުރި ކުރީގެ މަޝްހޫރު މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ އަތުގައެވެ.

ޝްވައިންސްޓައިގާގެ ރެކޯޑް މުލާ މުގުރާލި އިރު ރެއަކީ މުލާ އޭނާގެ ކެރިއަރުގައި ޖަރުމަން ސުޕަ ކަޕުގެ ރަން މެޑަލް ކަރުގައި އަޅުވާލި ހަ ވަނަ ފަހަރެވެ. މުލާ ވަނީ ބަޔާނާއެކު ޖަރުމަން ލީގް ނުވަ ފަހަރު، ޖަރުމަން ކަޕް ހަ ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު، ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އަދި ޔުއެފަ ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އެލިއަންޒް އެރީނާގައި ކުޅުނު ސުޕަ ކަޕް މެޗް ބަޔާނުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 3-2 އިންނެވެ. މެޗުގެ ކުރީކޮޅު ކޮރެންޓިން ޓޮލިސޯ އާއި މުލާ ކާމިޔާބުކުރި ގޯލްތަކުން ބަޔާނުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ޒުވާން ދެ ފޯވަޑުން ކަމަށްވާ ހޫލިއަން ބްރާންޓް އާއި އާލިންގް ހާލަންޑުގެ ގޯލްތަކުން ޑޯޓްމަންޑުން މެޗްގެ ނަތީޖާ އެއްވަރު ކުރިއެވެ. ބަޔާން މެޗުން މޮޅުކޮށްދިން ގޯލް މެޗް ނިމެން އަށް މިނެޓަށްވެފައި ވަނިކޮށް ޖަހައިދިނީ ޖޯޝުއާ ކިމިޗްއެވެ.

މި އަހަރަކީ ބަޔާނަށް ކާމިޔާބު އަހަރެކެވެ. އެ ޓީމުން ވަނީ ނިމިދިޔަ ސީޒަނުގެ ޖަރުމަން ލީގުގެ އިތުރުން ޖަރުމަން ކަޕް އަދި ޔުއެފަ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސެވިއްޔާ ބަލިކޮށް ބަޔާނުން ވަނީ ޔުއެފަ ސުޕަ ކަޕް ވެސް އުފުލާލައިފައެވެ.