އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީސް ހުޅުމާލޭގައި އަލަށް ހެދި ސިންތެޓިކް ޓްރެކް ހިމެނޭ ސަރަހައްދަށް ބަދަލުކުރަން ނިންމައިފިއެވެ.

ރާއްޖޭގެ އެތްލެޓިކްސްގެ އެކި ޓްރެއިނިންތައް މިހާރުވެސް ކުރިޔަށްދަނީ ހުޅުމާލޭ ޓްރެކްގައެވެ. އެ ޓްރެކް ސަރަހައްދަށް އޮފީސް ބަދަލުކުރާނީ އޮކްޓޯބަރ 10 ގައެވެ.

"ވަގުތު" ސްޕޯޓްސް އާއި ވާހަކަދައްކަވަމުން އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މުހައްމަދު ތޮލާލް ވިދާޅުވީ މި ބަދަލާއެކު އެތްލީޓުންނާއި ކޯޗުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ބަދަލަކީ އެސޯސިއޭޝަނަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައިވެސް ތޮލާލް ފާހަގަކުރެއްވިއެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުގެ އޮފީސް ބަދަލުކުރާއިރު ދާދިފަހުން އެ އެސޯސިއޭޝަނުގެ އިންތިހާބު ވަނީ ބާއްވާފައެވެ. އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް، ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވީ މުހައްމަދު ތޮލާލް އެވެ. އޭނާ އިންތިހާބު ކާމިޔާބުކުރެއްވީ ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) އާ ވާދަކުރައްވާ 15 ވޯޓް ހޯއްދަވައިގެންނެވެ.

މީގެކުރިން މާލޭ ކުޅިވަރު އެކުވެނީގައި މުބާރާތްތައް ބާއްވަމުން އައި ނަމަވެސް އެތަން މިހާރު ވަނީ މަރާމާތަށް ބަންދުކޮށްފައެވެ. އެތްލެޓިކްސްގެ ގިނަ ހަރަކާތްތަކާއި މުބާރާތްތައް މިހާރު ބާއްވަމުން އަންނަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.