ބާސެލޯނާގެ އާޖެންޓީނާ ތަރި ލައޮނަލް މެސީއާއެކު އޮތީ ގާތް ރަހުމަތްތެރި ގުޅުމެއް ކަމަށާއި މެސީއަކީ މުޅި ޓީމަށްވެސް ނަމޫނާއެއް ކަމަށް އެ ޓީމުގެ ކޯޗު ނެދަލޭންޑްސްގެ ރޮނާލްޑް ކޫމަން ބުނެފިއެވެ.

ކޫމަން މިހެން ބުނެފައިވަނީ ސްޕެއިންގެ މީޑިއާތަކުގައި މެސީއާއި ޓީމުގެ ކޯޗިން ސްޓާފުންނާއި ދެމެދު ގުޅުން ގޯސްކަމަށް ބުނެ ވާހަކަދައްކަމުން ދިޔަ ދަނޑިވަޅެއްގައެވެ.

މި ވާހަކަތަކަށް ރައްދުދެމުން ކޫމަން ބުނީ މެސީއަކީ ދުނިޔޭގައިވެސް މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ޓީމުގައި ހުރުމަކީ ކޮންމެ ކޯޗެއްގެވެސް ހުވަފެން ކަމަށެވެ. އަދި މެސީއާ ގާތް ގުޅުމެއް އެބައޮތް ކަމަށާއި ދެ މީހުންގެވެސް ޓާގެޓަކީ ޓީމެއްގެ ގޮތުގައި ގުޅިގެން ބާސެލޯނާއަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދިނުން ކަމަށް ކޫމަން ބުންޏެވެ.

މި ސީޒަނުގައި ބާސާ ދޫކޮށްލަން ބޭނުންވި ނަމަވެސް ޓްރާންސްފާ ފީ ބޮޑުވުމާއި ގުޅިގެން މެސީ ވަނީ އެކަން ހުއްޓާލާފައެވެ. އަދި މިއީ އޭނާ ބާސާގެ ޖާރޒީން ފެންނާނެ އެންމެ ފަހު ސީޒަންކަމަށް ބުންޏެވެ.

މިދިޔަ ސީޒަނުން ނިމުނު ހިސާބުން މެސީ ވަނީ ބާސާގެ ބޯޑަށް ފާޅުކަންބޮޑުގޮތެއްގައި ފާޑުކިޔާފައެވެ. އެގޮތުން އެ ޓީމުގެ ރައީސް ބާޓަމޮއު ގެ ހިންގުންތެރިިކަމެއް ނެތްކަމަށް ބުނެ ގިނަ ވާހަކަތަކެއް ދެއްކިއެވެ. ނަމަވެސް އާ ސީޒަނަށް ޓީމު ތައްޔާރުވާން ފެށީ އެ ހުރިހާ ފާޑުކިޔުންތަކަށް މައާފަށް އެދެމުންނެވެ.

ކޫމަން ބުނީ މި ސީޒަނުގައި ބާސާއިން ހާސިލްކުރަންޖެހޭ ޓާގެޓުތަކަށް ވާސިލުވުމުގައި މެސީގެ އެހީތެރިކަން ބޭނުންވާކަމަށް ބުނެފައެވެ.