ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޮސްކީ ޖެހި ގޯލާއެކު ޖަރުމަނު ލީގުގައި ރޭ ހާތާ ބާލިންއާ ދެކޮޅަށް ކުޅުނު މެޗު 4-3 އިން ބަޔާން މިއުނިކް ކާމިޔާބުކޮށްފި އެވެ.

ލީގުގައި ހޮފެންހެއިމްއާ ދެކޮޅަށް މިދިޔަ ހަފުތާގައި ކުޅުނު މެޗުން ބަޔާން ވަނީ 4-1 އިން ބަލިވެފަ އެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ބަޔާން ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ. އެ ދެމެދު ބަޔާނުން ވަނީ 32 މެޗް ބަލިނުވެ ހަމަކޮށްފައެވެ.

ހޮފެންހެއިމް އަތުން ބަލިވުމުގެ ކުރިން ބަޔާނުން ވަނީ 23 މެޗުން ޖެހިޖެހިގެން މޮޅުވެފަ އެވެ.

ހޮފެންހެއިމް އަތުން ބަލިވެ ބަޔާނުގެ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް އައި ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި ކުޅުނު ޖަރުމަން ސުޕަ ކަޕް ވަނީ ކާމިޔާބުކޮށްފައެވެ. ބަޔާނުން ސުޕަ ކަޕް އުފުލާލީ ވާދަވެރި ބޮރޫޝިޔާ ޑޯޓްމަންޑް ބަލިކުރުމަށްފަހުއެވެ.

ސުޕަ ކަޕަށްފަހު ބުންޑަސްލީގާގައި ރޭ ހާތާ ބާލިންއާ ވާދަކުރި މެޗުން ބަޔާން އުނދަގޫ ތިން ޕޮއިންޓް ހޯދިއިރު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ދެ ގޯލް ޖެހީ ވެސް އެ ޓީމުންނެވެ.

ލެވަންޑޮސްކީގެ ދެ ގޯލުން ބަޔާން ކުރީގައި އޮއްވައި ހާތާ ބާލިން އެއްވަރުކުރީ ޖޯން ކޯޑޯބާ އާއި މެތިއުސް ކުންހާ ކާމިޔާބުކުރި ގޯލްތަކުންނެވެ. އެ ނަތީޖާގައި އޮއްވާ ލެވަންޑޮސްކީ ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.

ހާތާބާލިން އިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޔެސިކް ގަންކަމް ޖަހައިދިން ގޯލުންނެވެ. އެ ނަތީޖާގައި މެޗް އެއްވަރުވާން ދަނިކޮށް ލެވަންޑޮސްކީ ބަޔާން މޮޅުކޮށްދިން ގޯލް ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މިއީ އޭރިއާ ތެރެއިން 32 އަހަރުގެ ފޯވަޑަށް ހާތާ ބާލިން ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ބަޔާނަށް ދިން ޕެނަލްޓީ އެކެވެ.

ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ބަޔާން މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. ލީގުގެ އެއްވަނައިގައި އޮތް އާރުބީ ލިޕްޒިގާއި ދެ ވަނައިގައި އޮތް އޯސްބާގާއި ތިންވަނައިގައި އޮތް ފްރެންކްފާޓަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރޭ ބަޔާން އަތުން ބަލިވި ހާތާ ބާލިން އޮތީ ތިން ޕޮއިންޓާއެކު ތޭރަ ވަނައިގައެވެ.

ކުރިއަށް އޮތް ބްރޭކަށްފަހު އެނބުރި އައިސް ބަޔާން އެންމެ ފުރަތަމަ ކުޅޭނީ ޖަރުމަން ކަޕް މެޗެކެވެ. އެ މެޗް ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ.