1-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭކަޕް ޗެލްސީން ކާމިޔާބުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 22 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްއެވެ. ޗެލްސީ އަށް މި ޕެނަލްޓީ ލިބުނީ ޔުނައިޓެޑްގެ ޑިފެންޑަރު ފިލް ޖޯންސް ހަޒާޑް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅުނު ނަމަވެސް ފުރަތަމަ ހާފްގައި ޗެލްސީގެ ގޯލަށް އެޓީމަށް ވަނީ މާބޮޑު ނުރައްކަލެއް ކުރެވޭ ގޮތް ނުވެފައެވެ.

އެއާ ހިލާފަށް ދެވަނަ ހާފްގައި ޔުނައިޓެޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު މި ހާފުގައި ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ޔުނައިޓެޑުން ވަނީ ފޮނުވާލާފައެވެ. އެގޮތުން ރަޝްފޯޑް ފޮނުވާލި ހަމަލާއެއް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ދިފާއުކުރިއިރު ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ޕޮގްބާ ބޮލުން ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

މި ހާފުގައި ލީޑު ފުޅާކޮށްލަން ޗެލްސީ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އޮލޮންސޯ އަށެވެ. ނަމަވެސް ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

ޔުނައިޓެޑްގެ އެޓޭކް އިތުރަށް ވަރުގަދަ ކުރުމަށް މެޗުގެ ފަހު 17 މިނެޓްގައި ލުކާކޫ އާއި މާޝިލް އެރުވި ނަމަވެސް އެޓީމަށް ވަނީ ނަތީޖާ އެއްވަރުކުރެވޭ ގޮތް ނުވެފައެވެ.

މިއީ ޗެލްސީން އެފްއޭކަޕް ކާމިޔާބުކުރި އަށްވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން ޔުނައިޓެޑުން މިފަހަރު ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާއެވެ.

އެފްއޭކަޕް ކާމިޔާބުކުރި ނަމަވެސް ފަސްވަނައިގައި އޮވެ ޕްރިމިއާ ލީގު ނިންމުމުން ޗެލްސީ އަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭގޮތް ނުވެފައެވެ.