އަންނަ ސީޒަނަށް ތައްޔާރުވާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "ވަގުތު" ސްޕޯޓްސް އާއި ވާހަކަދައްކަވަމުން ވިދާޅުވީ އެޗްޕީއޭއިން މި ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ނަމަވެސް ނިއު ނޯމަލްގައި ޕްރެކްޓިސްތައް ކުރިޔަށްގެންދާނެ ގޮތްތައް އަދި ފައިނަލްނުވާ ކަމަށާއި ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާތަކަށްފަހު އާ ގައިޑްލައިން އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ޖަވާ ވިދާޅުވިއެވެ.

އަދި މާދަމާ އެޗްޕީއޭއާއެކު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި މި ބައްދަލުވުމުގައި އެ ގައިޑްލައިން ފައިނަލްކުރެވިގެން ދާނެ ކަމަށްވެސް ޖަވާ ވިދާޅުވިއެވެ. އަދި ކުލަބުތަކަށް ޕްރެކްޓިސްތައް ކުރުމުގެ ހުއްދަ ދޭނީ އެ ގައިޑްލައިން ފައިނަލް ވުމުންކަމަށް ޖަވާ ވިދާޅުވިއެވެ.

އެފްއޭއެމުން ވަނީ ދާދިފަހުން ފުލުހުންނާއެކު ވެސް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އާ ސީޒަނަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންކަމާއި ފުލުހުންނާއި އެފްއޭއެމް ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ ދެފަރާތުން މަޝްވަރާކޮށްފައެވެ.

 

އާ ސީޒަން ފެށުމަށް އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ މިއަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް ފަށާނެ ތާރީހެއް ރަސްމީކޮށް އެފްއޭއެމުން އަދި ހާމައެއްނުކުރެއެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތައް ވަނީ ޕްރެކްޓިސްތައް ފެށުމުގެ ހުއްދަ އެފްއޭއެމުން ދިންހާ އަވަހަކަށް ޓީމު ތައްޔާރުކުރާނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ޕްރެކްޓިސްތައް ފަށާނެކަމަށްވެސް އެ ކުލަބުތަކުން ބުނެއެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ޓީމަކީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Happy

    ޙުއްދަދިނަސް ތި ބަލަން ދަނޑަށް ވަންނާނެމީހަކު ނުވާނެ🤭

  2. ޙަމްޒާ

    ގޭގައި ތިބެގެން ބަލާނަން