އެންއެން ވެލެންސިއާ ވޯލްޑް ރެކޯޑް ޑޭ އިވެންޓެއްގައި ދުވެ ފިރިހެނުންގެ 10،000 މީޓަރުގެ ދުވުމާއި އަންހެނުންގެ 5000 މީޓަރުގެ ދުވުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފިއެވެ.

ފިރިހެނުންގެ 10،000 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލާފައިވަނީ ޔޫގެންޑާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ޖޯޝުއާ ޗެޕްޓަގާއި އެވެ. އޭނާ ދުވުން ނިންމީ 26 މިނެޓާއި 11 ސިކުންތުންނެވެ. ފަނަރަ އަހަރުވަންދެން މި ރެކޯޑް ކުރިން އޮތީ އިތޯޕިއާގެ ވަރުގަދަ ދުވުންތެރިޔާ ކެނެނިސަ ބެކޭލޭގެ އަތުގައެވެ. މި ރޭސް ޖޯޝުއާ ނިންމީ އޭނާ ނިންމި ވަގުތަށްވުރެ ހަ ސިކުންތު އަވަހަށެވެ.

ބެކޭލޭ އަކީ ދުނިޔޭގެ ރެކޯޑު ފޮތުގެ ދިގު ތާރީހުގައިވެސް މި ރެކޯޑް އެންމެ ދިގު މުއްދަތަކަށް ހިފެހެއްޓި އެތްލީޓެވެ.

10،000 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލި ޖޯޝުއާ ޗެޕްޓަގާއި

އަންހެނުންގެ 5000 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލާފައިވަނީ އިތިއޯޕިއާއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ލެތެސެބެޓް ގިޑޭ އެވެ. އޭނާ މި ރެކޯޑް މުގުރާލީ 14 މިނެޓާއި 6.62 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިހާތަނަށް އެ ރެކޯޑު އޮތީ އިތިއޯޕިއާގެ ޓިރުނޭޝް ޑިބާބާގެ އަތުގައެވެ. 2008 ވަނަ އަހަރު އޭނާ މި ރެކޯޑު ހެދީ 14 މިނެޓާއި 11.15 ސިކުންތުން ނިންމައިގެންނެވެ.

ރޭސް ނިމުމަށްފަހު ވާހަކަދައްކަމުން ގިޑޭ ބުނީ މި ހާސިލްވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށާއި މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި ކާމިޔާބީގެ ސަބަބުން ބަޔާންކުރަން ދަތި އުފަލެއް ލިބުނުކަމަށް ވެސް ބުންޏެވެ.

ގިޑޭ ވަނީ 2019 ވަނަ އަހަރު ދޯހާގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝީޕްގައި 10،000 މީޓަރު ދުވުމުން ރިހި މެޑަލްވެސް ހޯދާފައެވެ.

މި ރެކޯޑާއެކު ޗެޕްޓަގާއި ވަނީި ފާއިތުވި 10 މަސްތެރޭ ހަތަރު ދުނިޔޭގެ ރެކޯޑެއް ހަދާފައެވެ. އޭގެތެރޭގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހޯދި 10 ކިލޯމީޓަރު ރެކޯޑާއި މިއަހަރުގެ ފެބްރުއަރީ މަހު ހޯދި 5 ކިލޯމީޓަރ ރެކޯޑް ހިމެނެއެވެ. އަދި އޮގަސްޓް މަހު އޮތް މޮނާކޯ ޑައިމަންޑް ލީގުގައި ބެކެލެ 16 އަހަރު ވަންދެން ހިފެހެއްޓި 5000 މީޓަރު ދުވުމުގެ ރެކޯޑް ވެސް ދެސިކުންތުގެ ތަފާތުން ޗެޕްޓަގާއި ވަނީ މުގުރާލާފައެވެ.

މި ދެ ކުޅުންތެރިން ރެކޯޑް މުގުރާޅި ވޯލްޑް ރެކޯޑް ޑޭގެ އިވެންޓްތައް ބޭއްވީ ސްޕެއިންގެ ވެލެންސިއާއަށް ނިސްބަތްވާ ޓޫރިއާ ސްޓޭޑިއަމުގައެވެ. މި ދުވުން ބެލުމަށް 400 މީހުންނަށް ވަނީ ފުރުސަތުދީފައެވެ.