ޔުރޮޕާ ލީގުގެ ގްރޫޕްސްޓޭޖްގެ މެޗުތަކަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުން އެޓީމުގެ ޖަރުމަނު ތަރި މެސުޓް އޮޒިލް ބާކީކޮށްފިއެވެ.

އާސެނަލުން އެންމެ ބޮޑު އާމްދަނީއެއް ލިބި، ކުޅުމުގެ ފުރުސަތު ނުލިބޭތީ މީގެ ކުރިންވެސް އޮޒިލް ސްކޮޑުން ބާކީކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. ހަފްތާއަކު 454,000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އޮޒިލްއަށް ކޮވިޑް-19 އަށް ސީޒަން މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފެށިފަހުން އަދި އާޓެޓާގެ ޓީމުން ކުޅުމުގެ ފުރުސަތު ދީފައެެއް ނުވެއެވެ.

ޕްރިމިއަރ ލީގާއި ޔުއެފާގެ ގަވައިދުގައި ވާގޮތުން "އޭ ލިސްޓް" ތަކުން އޮކްޓޯބަރު 20 ގެ ކުރިން ފޮނުވަން ޖެހޭ ޓީމް ލިސްޓްގައި ޓީމެއްގައި ތިބެވޭނީ އެންމެ ގިނަވެގެން ގައުމުން ބޭރު 17 ކުޅުންތެރިންނަށެވެ. މި ޓްރާންސްފަރ މުއްދަތުގައި އާސެނަލުން ގެނައި ގާނާގެ ތޯމަސް ޕާޓޭއާއިއެކު އެޓީމުގައި ޤައުމުން ބޭރު 19 ކުޅުންތެރިއަކު އެބަތިއްބެވެ. އޮޒިލްގެ އިތުރުން އާސެނަލްގެ ސްކޮޑުން ދެން ޖާގަ ނުލިބެނީ ގްރީސްގެ އުމުރުން 32 އަހަރުގެ ސޮކްރިޓިސްއެވެ.

އާސެނަލުން ޔުރޮޕާ ލީގުގެ ގްރޫޕްް ސްޓޭޖަށް އެކުލަވާލި ސްކޮޑުން ޖާގަ ނުލިބުނު ކަމުގައިވިޔަސް އެހެން މުބާރާތްތަކުން އޭނާ އާޓެޓާގެ ލިސްޓަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މިހަފްތާ ކުރީކޮޅު އާސެނަލުން ބޭނުންކުރަމުންދާ މެސްކޮޓްގެ މުސާރަ ދެވެން ނެތްކަމަށާއި މެސްކޮޓުގެ ވަޒީފާ އަދާކުރަމުން ދިޔަ ޖެރީ ކޫއަށް އޭނާގެ ހިދުމަތް ދެން ޓީމުން ބޭނުންނުވާކަމަށް ބުނެފައެވެ. ސަޕޯޓަރުން ނުވައްދާ މެޗްތައް ކުޅެން ޖެހުމުން މެސްކޮޓެއްގެ ބޭނުން ޓީމަށް ނުޖެހޭނެ ކަމަށާއި މި ހާލަތުގައި ޖެރީގެ މުސާރަ ދެވެން ނެތް ކަމަށް ޓީމުގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އޮޒިލް ވަނީ އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރިހައި ހިނދަކު މެސްކޮޓްގެ މުސާރަ ދޭނީ އޭނާކަމަށް ބުނެފައެވެ.