މިހަފްތާގެ ކުރީކޮޅު ހެދި ޓެސްޓުން ކޮވިޑް-19 އަށް ފައްސި ކަމަށް ދެއްކި ލިވަޕޫލަށް ކުޅެމުން އަންނަ ސްވިޓްޒަލޭންޑްގެ ޤައުމީ ޓީމުގެ ތަޖުރިބާކާރު ވިންގާ ޒެރްޑަން ޝަގީރީ ކޮވިޑް-19 އަށް ނައްސިކަމަށް ދައްކައިފިއެވެ.

ސުވިސް އެފްއޭ އިން ބުނިގޮތުގައި އެންމެ ފަހުން ހެދި ޓެސްޓުން ޝަގީރީ ކޮވިޑް-19 އަށް ނައްސި ކަމަށާއި ނޭޝަންސް ލީގުގައި ކުޅުމަށް ޓީމާއެކު ޝަގީރީ ސްޕެއިން އަށް ދާނެކަމަށެވެ. ކުރިންކުރި ޓެސްޓުން ފައްސިކަމަށް ދެއްކުމުން ރޭ ނޭޝަންސް ލީގަށް ތައްޔާރުވުމަށް ކްރޮއޭޝިއާ އާއި ދެކޮޅަށް ސުއިޓްޒަލޭންޑްގެ ޓީމުން ކުޅުމު ރަހުމަތްތެރިކަމުގެ މެޗުގައި ޝަގީރީ ކުޅެފައެއް ނުވެއެވެ. މިމެޗުން ކްރޮއޭޝިއާ އަތުން ސްވިސް ޓީމް ވަނީ 2-1ން ބަލިވެފައެވެ.

ސްވިސް އެފްއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނޭޝަންސް ލީގުގައި ކުޅުމަށް ޓީމު ފުރުމުގެ ކުރިން ޔޫއެފާ އިން އަންގާފައިވާ ގޮތަށް ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ވަނީ ޓެސްޓްކޮށްފައެވެ. އަދި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ސުންކު ނެގިއިރު ފައްސިވެފައިވަނީ ހަމައެކަނި ޖަރުމަނުގެ ޑޯޓްމަންޑްއަށް ކުޅެމުން އަންނަ ޑިފެންޑަރު މެނުއެލް އަކާންޖީ އެކަނިކަމަށެވެ. އަދި ފުރަތަމަ ޓެސްޓުން ފައްސި ކަމަށް ދެއްކި 28 އަހަރުގެ ވިންގަރ ޝަގީރީގެ ސުންކު ދެވަނަ ފަހަރު ހެދި ޓެސްޓުހެދުމުން ވީ ނައްސިކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ފައްސިވި އަކާންޖީ މިވަގުތު ހުރީ ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ގޮތަށް އައިސޮލޭޝަންގައި ކަމަށާއި އޭނާގެ ހާލު ގޯސްނޫންކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

އަންނަ ހޮނިހިރު ދުވަހު ސްވިޓްޒަލޭންޑްގެ ޓީމު ނޭޝަންސް ލީގުގައި ކުޅޭއިރު ޝަގީރީއަށް ކުޅުމުގެ ފުރުސަތު ޓީމުން ދިންނަމަވެސް ޔޫއެފާގެ ހެލްތް ކޮމިޓީއިން ހުއްދަ ނުދެނީސް އޭނާއަކަށް ކުޅުމުގެ ފުރުސަތެއް ނުލިބޭނެއެެވެ. މިހާރު ހުއްދައަށް އެދިފައިވީނަމަވެސް އެ ކޮމިޓީއިން މިހާރުގެ ހާލަތައް ބަލާ ހުއްދަ ދޭނެކަމެއް އަދި ޖަވާބެއް ދޭނެއިރެއްވެސް ނޭނގޭ ކަމަށް ކުޅިވަރު ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ނޭޝަންސް ލީގު ނިންމުމަށްފަހު ޝަގީރީ ލިވަޕޫލް ޓީމާއި ގުޅޭއިރ މިވަގުތު އެޓީމުގެ ދެކުޅުންތެރިއަކުވެސް ކޮވިޑަށް ފައްސިވެފައި އެބަތިއްބެވެ. އެއީ މިސީޒަނުގައި އެޓީމާ ގުޅުނު މިޑްފީލްޑަރ ތިއާގޯ އަލްކަންޓްރާގެ އިތުރުން އިތުބާރު ފޯވާޑް ސާޑިއޯ މާނޭއެވެ. މިދެކުޅުންތެރިން މިވަގުތު ސެލްފް އައިސޮލޭޝަންގައި ތިބިއިރު ދެކުޅުންތެރިންގެ ފަރާތުން ވައިރަސްގެ ލުއި އަލާމާތްތަކެއް ފެނުން ނަމަވެސް ހާލު ރަނގަޅުކަމަށް ލިވަޕޫލްގެ މެޑިކަލް ޓީމުން ވަނީ ބުނެފައެވެ.