ޖަރުމަނު ލީގުގައި ރޭ ވުލްފްސްބާގްގެ މައްޗަށް 1-2 އިން ކުރި ހޯދައި ޖެހިޖެހިގެން 13 ވަނަ މޮޅު ބަޔާން މިއުނިކުން ހޯދައިފިއެވެ.

ރޭގެ މޮޅާ އެކު ޖަރުމަނު ލީގުގެ އެއްވަނައިގައި ބަޔާން މިހާރު އޮތީ 59 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 38 ޕޮއިންޓާ އެކު ބަޔާ ލެވަކޫސަން އޮތްއިރު ތިންވަނައިގައި 38 ޕޮއިންޓާ އެކު އޮތީ ރެޑްބުލް ލީޕްޒިގްއެވެ. ރޭ ބަޔާން އަތުން ބަލިވި ވުލްފްސްބާގް އޮތީ 24 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގައެވެ.

ކުރިއަށް ޗެމްޕިއަންސް ލީގުގެ މެޗެއް އޮތުމާ އެކު ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ބަޔާންގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ފުރުސަތު ދީފައި ނުވާއިރު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑު ނެގީ ވުލްފްސްބާގް އިންނެވެ. މި ގޯލު މެޗުގެ އަށްވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ޑިޑާވީއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ބަޔާން އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް ރޮބެން ފޮނުވާލި އެ ޕެނަލްޓީ ވުލްފްސްބާގްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ވުލްފްސްބާގް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 64 ވަނަ މިނެޓްގައި ވެގްނާ ވަނީ ބަޔާން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ބަޔާން މޮޅުވި ގޯލު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ލެވެންޑޯސްކީއެވެ.

ރޭގެ މެޗާއެކު އެންމެފަހުން ކުޅުނު 13 މެޗުން ވެސް އެޓީމު މޮޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.