ރޮމެލޫ ލުކާކޫގެ ދެ ގޯލާ އެކު ހަޑަލްސްފީލްޑްގެ މައްޗަށް 0-2 އިން ކުރި ހޯދައި އިނގިރޭސި އެފްއޭކަޕްގެ ކުއާޓާފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

ހަޑަލްސްފީލްޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ލުކާކޫ ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފްގައި ހަޑަލްސްފީލްޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު މެޗުގެ 55 ވަނަ މިނެޓްގައި ލުކާކޫ ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު މި ސީޒަނުގައި ލުކާކޫ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 21 އަށް އަރާފައެވެ.

މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ޔުނައިޓެޑަށް މި ހާފުގައި ލިބިފައިވެއެވެ.

މިއީ ޔުނައިޓެޑް މި މުބާރާތުގެ ކުއާޓާ އަށް ޖެހިޖެހިގެން ދަތުރުކުރި ނުވަ ވަނަ ފަހަރު ކަމަށްވާއިރު ކުއާޓާގައި އެޓީމު ބައްދަލުކުރާނީ ބްރައިޓަންއާއެވެ.

މުބާރާތުގެ ކުއާޓާގައި އެހެން ޓީމުތަށް ބައްދަލުކުރަން ޖެހުނު ގޮތަށް ބަލާއިރު ޗެލްސީ ނިކުންނާނީ ލެސްޓަ ސިޓީ އާއި ދެކޮޅަށެވެ. ވިގެން އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ސައުތްހެމްޓަން އާއި ބައްދަލުކުރަން ޖެހުނުއިރު ޝެފީލްޑް ވެނިސްޑޭ އާއި ސްވެންސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ބައްދަލުކުރާނީ ޓޮޓެންހަމް އާއި ރޮޗްޑޭލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.