މެންޗަސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރަކަށް ވެވުނީ އެޓީމުގެ ޖާޒީއަށް ޖެހުނު ހާއްސަ ލޯތްބެއްގެ ސަބަބުން ކަމަށް ރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމުގެ ދެވަނަ އެސިސްޓަންޓް ކޯޗް އަލީ ސުޒެއިން ބުނެފިއެވެ.

ރާއްޖޭގައި ތިބި މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން އުފައްދާ އަދި މިހާރު ރަޖިސްޓްރީ ކޮށްގެން ހިންގާ "މެންޗަސްޓަރ ޔުނައިޓެޑް ސަޕޯޓަރސް ކްލަބް މޯލްޑިވްސް (އެމް.ޔޫ.އެސް.ސީ.އެމްވީ)ގެ މެމްބަޝިޕް ކާޑު އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަމުން ސުޒެއިން ބުނީ ޔުނައިޓެޑުގެ ސަޕޯޓަރަކަށް ވެވުނީ އޭނާގެ އަތުގައި އޮތް ފްރާންސްގެ އޮރިޖިނަލް ޖާޒީއެއް އޭނާގެ ރަހުމަތްތެރިއަކު ވަރަށް ބޮޑަށް ބޭނުންވެގެން ބުނުމުން ފްރާންސްގެ ޖާޒީގެ ބަދަލުގައި ރަހުމަތްތެރިޔާ އަތުގައި އޮތް ޔުނައިޓެޑުގެ އޮރިޖިނަލް ޝާޕް އެޑިޑާސް ޖާޒީއެއް ލިބުން ހިސާބުންކަމަށެވެ.

ފުރަތަމަ ގެނެސް ދިނުމުން އެ ޖާރޒީ ކަމުނުދިޔަ ނަމަވެސް ޖާޒީލުމުން އޭގައި ހުރި ރީތިކަން ފެނި، ޖާޒީގެ ސަބަބުން ޔުނައިޓެޑުގެ ސަޕޯޓަރަކަށް ވެވުނީ ކަމަށެވެ.

އަދި އެ ދުވަހުން ފެށިގެން ޔުނައިޓެޑަށް ހިތްދެވި މިއަދާ ހަމައަށްވެސް މި ހުރީ އެޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށް ސުޒެއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ޓީވީ ޕްރޮގްރާމް ތަކުގައި މެޗުތަކާއި ބެހޭގޮތުން ވާހަކަދައްކަން ގެންގޮސް އިނދެ، ޓީމު ދަށްކޮށް ކުޅެގެން އެ ވާހަކަ ދައްކަން ޖެހުނުކަމުގައި ވީ ނަމަވެސް ހަގީގަތާ އެއްގޮތަށް އެ ވާހަކަ ދައްކާނެކަމަށްވެސް ސުޒެއިން ބުންޏެވެ.

އަދި ޔުނައިޓެޑުން ދަށްކޮށް ކުޅެ ބަލިވުމުން އަމިއްލަ ޓީމެއް ބަލިވުމުގެ އިހުސާސް ކުރެވުމުގެ އިތުރުން އެ ލަދުވެތިކަމާއި ފްރަސްޓްރޭޝަން ހުންނަ ކަމަށްވެސް އެންމެ ފަހުން ޕްރިމިއަރ ލީގުގައި ޓޮޓެންހަމް އަތުން ބަލިވި މެޗަށް އިޝާރާތް ކުރަމުން ސުޒެއިން ވަނީ ބުނެފައެވެ.

"މި އުފެދުނު ޖަމިއްޔާ ފުޅާވެ މެންޗަސްޓަރ ޔުނައިޓެޑުގެ ފޭން ބޭސް ބޮޑުވެގެން ގޮސް ރާއްޖޭގެ ފުޓުބޯޅައަށް، ޖަމިއްޔާގެ ފަރާތުން ކޮންމެވެސް ކަމެއް ކޮށްދެވޭނެ ކަމަށް ގަބޫލް ކުރާ ކަމަށާއި ހަމައެކަނި މާލެއަށް ހާއްސަވެފައި އިން ޖަމިއްޔާއެއްގެ ބަދަލުގައި އަތޮޅުތެރެއަށް ފުޅާކޮށް ޖަމިއްޔާގެ މެމްބަރުން އަތޮޅުތެރޭވެސް ތިބެ ރަށްރަށުގައި ޖަމިއްޔާގެ ފަރާތުން ޔޫތް އެކެޑެމީތަކާއި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ހިންގަން މަސައްކަތް ކުރަން ޖެހޭ" ސުޒެއިން ބުންޏެވެ.

އަދި ޖަމިއްޔާއަށް ސުޒެއިންގެ ފަރާތުން ދެވެން އޮތް ކޮންމެ އެއްބާރުލުމެއް ދޭނެކަމަށާއި ހާސިލްކުރަން މިއުޅޭ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޓޮޕް މެނޭޖްމަންޓް ލެވެލްގައި ކުރަން ޖެހޭ ކަންތައްތަކުގައި ސުޒެއިންގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އޭނާވަނީ ދެއްވާފައެވެ.

ސުޒެއިން އަކީ އެމް.ޔޫ.އެސް.ސީ.އެމްވީގެ އެންމެ ފުރަތަމަ މެމްބަރެވެ. އަދި އިފްތިހާހްކުރެވުނު ކާޑު އެންމެ ފުރަތަމަ ލިބުނު މެމްބަރުވެސްމެއެވެ..

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަމްސ

    މިގައުމުގައި ގައުމީވަންތަ ލޯބި ފްޓްބޯޅައަށް ނެތި 22 ކުޅުންތެރިން ހުސް ސްޓޭޑިއަމެއްގައި ކުޅެ މެޗް ނިްނމައި ތަށި ހިފައިގެން ނިކުންނައިރުވެސް ހަބަރުންވެސް ރާއްޖޭގެ ފްޓްބޯލަ ބަޔަކު ނުބަލާ.
    ނަމަވެސް .....

    6
    1