އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް މި ސީޒަނުގައި ގެނައި ވޭލްސްގެ ތަރި ގެރެތް ބޭލް އޭނާގެ ފުރަތަމަ މެޗު އިންޓަނޭޝަލަން ބްރޭކަށްފަހު ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ބޭރުގެ ކުޅިވަރު ރިޕޯޓްތަކުން ބުނެފިއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމްއަށް ގެނައި 31 އަހަރުގެ ބޭލްގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އަދި މި ސީޒަނުގައި ކުޅެފައެއް ނުވެއެވެ.

އެހެންނަމަވެސް އެތައް ރިކަވަރީ ޓްރެއިނިންގް ތަކާއި ފަރުވާއަކަށް ފަހު ޓީމުގެ ފަރިތަކުރުންތަކަށް ނުކުމެެ ޓޮޓެންހަމްގެ ކޯޗް ހޯސޭ މޮރީނިއޯ ހައިރާންކޮށްލާ ބޭލް ވަނީ ޕްރިމިއާ ލީގުގައި އެޓީމު ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް އިންޓަނޭޝަނަލް ބްރޭކަށްފަހު ކުޅޭ މެޗުގެ ސްކޮޑުން ޖާގަ ހޯދާފައެވެ.

ޓޮޓެންހަމުން ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ލަދުގަންނަވާލި މެޗުގައި ބޭލް ކުޅޭނެ ކަމަށް ބައެއް ކުޅިވަރު ރިޕޯޓްތަކުން ބުނި ނަމަވެސް މޮރީނިއޯ ވަނީ އަވަސް އަރުވާލައިގެން ބޭލް ލައްވާ ކުޅުވާ އިތުރު އަނިޔާއެއް ލިބުމުގެ ފުރުސަތު ނުދޭނެކަމަށް ބުނެ ބޭލްއަށް ވަގުތުދީފައެވެ.

އަނިޔާގައި ހުރުމުގެ ސަބަބުން ނޭޝަންސް ލީގުގައި ވޭލްސް ކުޅުނު މެޗުގައިވެސް ކޯޗް ރަޔަން ގިގްސް ބޭލްއަށް ފުރުސަތު ދީފައެއްނުވެއެވެ. އެންމެ ފަހުން ބޭލް ޓީމަށް ކުޅެފައިވަނީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އެޓީމު ބަލްގޭރިއާ އަތުން 1-0 އިން ކުރިހޯދި މެޗުގައެވެ.

ބޭލްގެ ފުރަތަމަ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން މޮރީނިއޯ ބުނީ ބޭލް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހިތްވަރާއި، ހުނަރާއި ޑެޑިކޭޝަން ދައްކާ ބޭލް އޭނާ އާޝޯހުކޮށްލައިފި ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާއަށްފަހު ޓީމު ޕްރިމިއަރ ލީގުގައި ވެސްޓްހޭމް އާއި ދެކޮޅަށް ކުޅޭ މެޗަށް ބޭލް ހުރީ ތައްޔާރަށްކަމަށްވެސް މޮރީނިއޯ ވަނީ ބުނެފައެވެ.