ޕްރިމިއަރ ލީގަށް ތައްޔާރުވާ ކްލަބްތަކަށް ފަރިތަކުރުމުގެ ހުއްދަ ލިބުމާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްްސް (އެފްއޭއެމް)އިން ފަރިތަކުރުންތައް ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ޕްރިމިއަރ ލީގުގެ ކްލަބްތައް އަހުލުވެރިކޮށްފިއެވެ.

މީގެެއިތުރުން ކްލަބްތަކުގެ ހައިޖީން އޮފިސަރުން ކަނޑައަޅާ، ގައިޑްލައިންތަކަށް އަހުލުވެރިކުރުމުގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.ބއަދި ކުރިއަށްއޮތް ސީޒަނަށް ކުލަބުތަކުން ތައްޔާރުވަމުން ދާއިރު ޓީމުގެ ހުރިހާ ކަމެއްވެސް ހުރީ އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ ގޮތެއްގެ މަތިންތޯ ބަލާނެ ގޮތްގޮތް ވެސް މި ބައްދަލުވުމުގައި ކިޔައިދީފައިވެއެވެ.

ކްލަބްތަކަށް ބޭއްވި މި ބައްދަލުވުމުގައި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ކުލަބްތަކަށް މައުލޫމާތު ދީފައިވާއިރު ކްލަބް ލައިސެންސިން އާއި ފައިނޭންޝަލް ރިޕޯޓިންގް އެސްޕެކްޓްސްއާ ބެހޭގޮތުން ކުލަބުތަކަށް ވަނީ މައުލޫމާތު ދީފައެވެ.

މި ބައްދަލުވުމަށްފަހު އެފްއޭއެމުން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ސީޒަން ފެށުމުގެ ކުރިން މިފަދަ އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ރާވާފައިވާކަމަށެވެ.

މާލޭގައި ޓީމްތަކަށް ފަރިތަކުރުމުގެ ހުއްދަ މިމަހުގެ 1 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ދީފައެވެ. ނަމަވެސް އެފްއޭއެމުން ގައިޑްލައިންއެއް އެކުލަވާލާ، އެޗްޕީއޭއިން އެ ގައިޑްލައިން މިދިޔަ ބުރާސްފަތި ދުވަހު ބަލައިގަތުމާއިއެކު އެންމެ ފުރަތަމަ ގައިޑްލައިންތަކާ އެއްގޮތަށް ފަރިތަކުރުން ފަށާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.

އެގޮތުން ފަރިތަކުރުންތަކުގައި ބައިވެރިވީ ފެށުމުގެ ކުރިން ކޮންމެ ކުޅުންތެރިއެއްގެ ހުން ހުރިތޯ ބަލާ ޓެސްޓުކުރުމަށް ފަހުގައެވެ. އަދި ފަރިތަކުރުންތައް ދިޔައީ އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތްވާ ގޮތުގެ މަތިން ގައިދުރުކޮށްގެންނެވެ. އަދި އެޓީމުންވަނީ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ފަރިތަކުރުންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ކޮވިޑްގެ-19ގެ ސަބަބުން ގިނަދުވަސްތަކެއް ވަންދެން ނުކުޅެ ހުރުމަށްފަހު އާސިން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. މިފަހަރުގެ ލީގުގައި ވާދަކުރާ 8 ޓީމަކީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.