މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ފަރިތަކުރުންތައް މިމަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

"ވަގުތު ސްޕޯޓްސް" އަށް މައުލޫމާތުދެއްވަމުން އެ ކުލަބުގެ މެނޭޖަރ އިސްމާއީލް ތޯރިގު ވިދާޅުވީ މިމަހުގެ ފަހުކޮޅު ފަރިތަކުރުންތައް ފެށުމަށް މަސައްކަތްކުރާނެ ކަމަށާއި ބޮޑަށް ބެލެވެނީ މިމަހުގެ 25 ހިސާބުގައި ފެށޭނެކަމަށެވެ. ނަމަވެސް ޔަގީންކޮށް ދުވަހެއް ބުނަން ނޭނގޭކަމަށެވެ.

ތޯރިގު ވިދާޅުވީ ޓީމުގެ ސްކޮޑުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެމުންއަންނަ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން އެކުލެވޭ މޮޅު ޓީމެއް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ އަހަރުކަމުން އަމާޒަކީ ރަނގަޅު ހިސާބެއްގައި ކުލަބު އޮތުންކަމަށްވެސް އެ ކުލަބުން ބުންޏެވެ.

ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ)އެވެ. ގޯލްކީޕަރު ޓްރެއިނަރ އެއްގެ ގޮތުގައި މަސައްކަތްކުރާނީ ހަސަން ހަމީދު (ޑަކޭ) އެވެ.

ސަސް އިން ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމުގެ މަގާމު ހޯދައިގެންނެވެ.

މިއަހަރުގެ ލީގުގައި ޖުމްލަ 8 ޓީމެއް ވާދަކުރެއެވެ. އެއީ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.