އިންޑިއާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރު ކެރަލާގެ ކޮޒިކޮޑޭއަށް ނިސްބަތްވާ ކުއާޓްޒް ފުޓްބޯލް ކްލަބްގެ ޓެކްނިކަން ޑިރެކްޓަރ ކާލްޓަން އެންތަނީ ޗެޕްމަން މަރުވެއްޖެއެވެ.

އުމުރުން 47 އަހަރުގެ ކާލްޓަން މަރުވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ކާލްޓަން މަރުވީ ހާޓް އެޓޭކްއެއް ޖެހިގެން ކަމަށް އިންޑިއާގެ ކުޅިވަރު ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. ކާލްޓަން އަކީ 1997 ވަނަ އަހަރު އިންޑިއާއިން ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދިއިރު އެ ޓީމުގެ ކެޕްޓަނަކަށް ހުރި ކުޅުންތެރިއާއެވެ.

1990ގެ އަހަރުތަކުގައި ކާލްޓަން ވެފައިވަނީ އިންޑިއާގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާގެ ގޮތުގައެވެ. ޓާޓާ ފުޓްބޯލް އެކަޑަމީން ގްރެޖުވޭޓްވެ އިންޑިއާގެ އީސްޓް ބެންގަލް އަށް އޭނާވަނީ ކުޅެފައެވެ. ކާލްޓަންގެ އެންމެ ފާހަގަ ކުރެވޭ މެޗަކީ އޭޝިއަން ކަޕްވިނާސް ކަޕްގައި އިރާގުގެ އަލް ޒައުރާ ކޮޅަށް ހެޓްރިކް ހެދި މެޗެވެ.

ބޯލް ކޮންޓްރޯލް ކުރުމާއި ޕާސިންގްގައި ފާހަގަކޮށްލެވޭ ކާލްޓަންވަނީ 1995 ވަނަ އަހަރު އިންޑިއާގެ ޖޭސީޓީއަށް ބަދަލުވެފައެވެ. އަދި އެ ޓީމާއެކު ޖުމްލަ 14 މުބާރާތެއް ކާލްޓަންވަނީ ކާމިޔާބުކޮށްފައެވެ. އިންޑިއާގެ އެންމެ ފުރަތަމަ ނޭޝަނަލް ފުޓްބޯލް ލީގް ހޯދީ ކާލްޓަން އާއި އެކު ޖޭސީޓީއިންނެވެ. 1997 ވަނަ އަހަރު ޖޭސީޓީ އިން ކޮޗިން އެފްސީ އަށް ބަދަލުވިއިރު ކާލްޓަން ކެރިއަރު ނިންމާލާފައިވަނީ އީސްޓް ބެންގާލްއަށް ކުޅުމަށްފަހުއެވެ.

އަދި 2000-2001 ސީޒަންގެ ނެޝަނަލް ފުޓްބޯލް ލީގް އީސްޓް ބެންގާލްއިން ހޯދިއިރު އެޓީމަށް މިކާމިޔާބީ ހޯދައިދޭން އިސްދައުރެއް ކާލްޓަންވަނީ އަދާކޮށްފައެވެ. ކުޅުން ހުށްޓާލާ އޭނާ ފަހުން ވަނީ ފުޓްބޯލް މެނެޖްމަންޓްގެ މަސައްކަތްތައް ކުރަން ފަށާފައެވެ.