ޕްރިމިއަރ ލީގުގެ އާސެނަލްގެ ކޯޗުކަމާއި އެޓީމުގެ ކުރީގެ ތަރި ފްރާންސްގެ ތިއެރީ އޮންރީ ހަވާލުވާނެ ދުވަހެއް ދެކެން ބޭނުންވާކަމަށް 22 އަހަރުވަންދެން އެޓީމަށް ކޯޗުކަން ކޮށްދިން އާސެން ވެންގާ ބުނެފިއެވެ.

ޕްރިމިއަރ ލީގުގެ ތާރީހުގައިވެސް ކުލަބަކަށް އެހާ ދިގު މުއްދަތަކަށް ކޯޗުކަންކޮށްދިނުމުގެ ޝަރަފު އޮތް ވެންގާ ބުނީ މި ވަގުތު އޮތް ކޯޗިން ޓީމަކީ ވެސް ވަރަށް ގާބިލް ޓީމެއްކަމަށާއި އެހެންނަމަވެސް އާސެނަލްއަށް އެންމެ ގިނަ ގޯލް ޖަހާދީފައިވާ އިތުބާރު ފޯވާޑް އޮންރީ ކޯޗުކަމާ ހަވާލުވާ ދުވަސް ދެކެން ބޭނުންވާކަމަށެވެ. އެހެންނަމަވެސް މި ދުވަސް ދެކެން ބޭނުންވަނީ މިހާރުގެ ކޯޗް އާޓެޓާގެ ކޯޗްކަމުގެ ދަށުން އާސެނަލުން ޕްރިމިއަރ ލީގް ކާމިޔާބުކުރުމަށްފަހު ކަމަށްވެސް ވެންގާވަނީ ބުނެފައެވެ.

މިހާރު އާސެނަލްގެ ކޯޗުގެ މަގާމުގައި ހުރި މިކެލް އާޓެޓާ އަކީވެސް ކުރިން އާސެނަލްއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އާޓެޓާ އާސެނަލްގެ ކޯޗްކަމާ ހަވާލުވީ އެ މަގާމުގައި ހުރި އުނާއި އެމެރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އެ މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. އެމެރީ މަގާމުން ވަކިކުރީ ވެންގާ ވަކިވުމަށްފަހު ކްލަބުގެ މެނޭޖްމަންޓުން އާ ކޯޗާއި ހަވާލް ކުރެވުނު ޓާސްކްތައް އެމެރީ އަށް އަަދާ ނުކުރެވޭކަމަށް ބުނެއެވެ.

އޮންރީ މި މަގާމާއި ހަވާލުވުން މީ ނުވާނެ ކަމެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިހާރުވެސް އޮންރީ އަކީ އެމެރިކާގެ މޭޖަރ ލީގް ސޮކަރގައި ކުޅޭ މޮންރެއާލް އިމްޕެކްޓް ޓީމުގެ ކޯޗެވެ. އާޓެޓާއަށްފަހު ދެން އާސެނަލްއާއި ހަވާލުވުން އެންމެ ގާތީވެސް އެޓީމަށް 228 ލަނޑު ކާމިޔާބުކޮށްދީފައިވާ ހޮންރީ ކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.

މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ކުޅުނު ހަތަރު މެޗުގެތެރެއިން 3 މެޗުން މޮޅުވެ ލިބުނު 9 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލްގެ 4 ވަނައިގަައެވެ. ލީގުގައި ކުރިއަށް އޮތް މެޗުގައި މިމަހުގެ 17 ވަނަ ދުވަހު އާސެނަލް ނުކުންނާނީ ވަރުގަދަ މެންޗަސްޓަރ ސިޓީއާ ދެކޮޅަށެވެ.