އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީގައި އިތުރު އަހަރުތަކެއް ވަންދެން މަޑުކުރަން އެ ޓީމުގެ ބެލްޖިއަމް ޤައުމީ ޓީމުގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޭނާ އެއްބަސްވުން އާކުރަނީ އަދި ބާކީ ދެ އަހަރާއި ބައި އޮއްވައެވެ. ސިޓީގެ ވެރިން އެންމެ ކަމުދާ ކުޅުންތެރިންގެ ތެރޭގައި ޑި ބްރޭނާ ހިމެނެއެވެ. އަދި ކުރިޔަށްއޮތް ދުވަސްތަކުގައި ޓީމު އިތުރަށް ވަރުގަދަކުރާއިރު ޑި ބްރޭނާގެ ރޯލު ބޮޑުކަމަށް އެ ކުލަބުގެ ވެރިން ގަބޫލުކުރެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑި ބްރޭނާ ވަނީ ސިޓީއާއެކު އިތުރު ފަސް އަހަރު މަޑުކުރަން ނިންމާފައެވެ. އަދި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރާނެއެވެ.

ޔޫރަޕުގެ މުބާރާތްތަކުން މީގެކުރިން ސިޓީ ސަސްޕެންޑްކުރުމާއެކު އެ ފަހަރު ޑި ބްރޭނާ ވަނީ ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެކަމަކު ފަހުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަނީ ސިޓީގެ ސަސްޕެންޝަން އުވާލާފައެވެ.

ނަމަވެސް މި ވާހަކަތަށް ޑި ބްރޭނާގެ ފަރާތުން އަދި ރައްދެއް ނުލިބެއެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑި ބްރޭނާ ހުރީ ކުލަބް ބަދަލުކުރަން ބޭނުންވެފައެވެ.

ޑި ބްރޭނާ ސިޓީއާއި ގުޅުނީ 2015 ވަނަ އަހަރުގައެވެ. ވުލްފްސްބާގް ދޫކޮށް އޭނާ ސިޓީއަށް ބަދަލުވީ 55 މިލިއަން ޕައުންޑަށެވެ. އެ ޓީމަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް އޭނާ ވަނީ ދައްކާފައެވެ. އެގޮތުން މިހާތަނަށް ސިޓީއަށް ކުޅެދިން 227 މެޗުގައި އޭނާ ވަނީ 58 ގޯލު ޖަހާފައެވެ.