ޔުއެފާ ނޭޝަންސް ލީގުގައި ބުދަ ދުވަހުގެެ ރޭ އިންގްލޭންޑާއި ޑެންމާކު ބައްދަލުކުރި މެޗުގައި ދެ ރަތްކާޑާއި އެކު އިނގިރޭސިވިލާތް ބަލިވެއްޖެއެވެ.

މިއީ ނޭޝަންސް ލީގުގައި އިގިރޭސި ގައުމީ ޓީމަށް އެއް މެޗެއްގައި ދެ ރަތްކާޑު ލިބުނު ފުރަތަމަ ފަހަރެވެ. ޑެންމާކު 1-0 ގެ ނަތީޖާއަކުން މޮޅުވި މި މެޗުގެ 31 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓަޑުގެ ކެޕްޓަން ހެރީ މެގޫރީ ޑެންމާކުގެ ކެސްޕާ އަށް ކުރި ފައުލަކާއި ގުޅިގެން ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ޑެންމާކުން ވަނީ މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭރިއާ ތެރެއިން ކައިލް ވޯކާ ޑެންމާކުގެ ތޯމަސް ޑިނާލޭއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީގައި މި ލަނޑު ކާމިޔާބުކުރީ ކްރިސްޓިއަން އެރިކްސަން އެވެ.

މެޗުގެ ދެވަނަ ހާފްގައި އެއްވެސް ލަނޑެއް ފެނިފައި ނުވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށްފަހު ރެފްރީ ވަނީ އިންގްލޭންޑުގެ ރީސީ ޖޭމްސް އަށް ރަތްކާޑު ދައްކާފައެވެ. ސައުތްގޭޓްގެ ކޯޗު ކަމުގެ ދަށުން ޖޭމްސް ކުޅުނު ފުރަތަމަ މެޗުގައި އޭނާއަށް ރަތްކާޑު ދެއްކީ ރެފްރީއާއި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.

އިންގްލޭންޑް ހިމެނޭ އޭ ގުރޫޕު ދޭއްގެ ދެވަނަ މެޗުގައި ކުޅެފައިވަނީ އައިސްލޭންޑާއި ބެލްޖިއަމެވެ. ލުކާކޫގެ ދެ ލަނޑާއި އެކު މި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބެލްޖިއަމެވެ.

އައިސްލޭންޑުގައި ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު 9 ވަނަ މިނެޓުގައި ލުކާކޫ ކާމިޔާބު ކުރިއިރު އޭނާ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައެވެ. މެޗުގެ 38ވަނަ މިނެޓުގައި އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުުންނެވެ.

ރޭގެ މޮޅާއެކު ބެލްޖިއަމް މިހާރު އޭ ގުރޫޕު ދޭއްގެ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ. ޑެންމާކު ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތްއިރު ތިންވަނާގައި އިންގްލޭންޑް އޮތީ ޑެންމާކާއި ޕޮއިންޓުގެ ގޮތުން އެއްވަރު ވެގެންނެވެ. މި ގްރޫޕު ފުލުގައި އައިސްލޭންޑު އޮތީ މިހާތަނަށް އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.