ފުޓުބޯޅައިގެ ވަކި ކުޅުންތެރިއަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް، ބެލޮންޑޯ އެވޯޑް 5 ފަހަރު ހޯދާ ޕޯޗުގަލްއަށް 100 އަށް ވުރެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގައި ނެތަސް މާބޮޑު ޕްރެޝަރެއް ނެތްކަމަށް އެޓީމުގެ ޒުވާން ފޯވާޑް ޑިއޯގޯ ޖޯޓާ ބުނެފިއެވެ.

ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ތިންވަނަ ގްރޫޕުގައި ސްވިޑަންގެ މައްޗަށް 0-3 އިން ކުރިހޯދި މެޗުގައި ދެ ލަނޑު ކާމިޔާބުކުރުމަށްފަހު ޖޯޓާ ބުނީ ރޮނާލްޑޯއާ ނުލާވެސް ޓީމު މޮޅުވާނެ ކަމަށާއި އޭނާ ނެތްތަން ފޫބެއްދުމަށް މާބޮޑު ޕްރެޝަރެއް ނެތްކަމަށެވެ.

މި ހަފްތާގެ ކުރީކޮޅު ކޮވިޑް-19ށް ފައްސިވެ ރޮނާލްޑޯވަނީ ޕޯޗުގަލްގެ ސްކޮޑުން ވަގުތީގޮތުން ވަކިވެފައެވެ. އަދި މިވަގުތު އޭނާ ވަނީ ޕްރައިވެޓް އެމްބިއުލާންސް ޖެޓެއްގައި ޕޯޗުގަލްގައި ހުރެފައި އިޓަލީގެ ޓޫރިންއަށް ދަތުރުކޮށް އައިސޮލޭޝަންގެ މުއްދަތު ޓޫރިންގައި ފުރިހަމަކުރަން ނިންމާފައެވެ.

މީގެއިތުރުން ލިވަޕޫލްއަށް ކުޅެމުންދާ ފޯވާޑް ބުނީ މިއީ އޭނާގެ ފުޓުބޯޅައިގެ ކެރިއަރުގައި މިހާތަނަށް އެންމެ އުފާވެރި ދުވަސްކަަށެވެ. އެއީ އެޓީމުގެ ކެޕްޓަންގެ ބަދަލުގައި ކުޅެން އަރާ ގައުމީ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިނުމާއި މެޗުގައި ޓީމު މޮޅުވުމުގައި އޭނާގެ ބޮޑު ހިއްސާއެއް އޮތުމުން ކަމަށެވެ. އަދި މިއީ އޭނާއަށް ގައުމީ ޓީމަށް ކުޅުނު މެޗުތަކުން އެންމެ ރަނގަޅު ކުޅުމެއް ދެއްކުނު މެޗެއް ކަމަށާއި ސްވިޑަން އަކީ އިދިކޮޅަށް ކުޅެން ފަސޭހަ ޓީމެއް ނޫންކަމަށް ޖޯޓާވަނީ ބުނެފައެވެ. އަދި މިމޮޅާމެދު މުޅި ޓީމުވެސް ފަހުރުވެރިވާން ޖެހޭކަމަށް އޭނާވަނީ ބުނެފައެވެ.

މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައި ޕޯޗުގަލްވަނީ އެޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައެވެ. ޕޯޗުގަލްއަށް މޮޅު ނުވެވުނީ ހަމައެކަނި ދުނިޔޭގެ ޗެމްޕިއަން ފްރާންސްއާއި ދެކޮޅަށް މިމަހުގެ 11 ވަނަ ދުވަހުގައި ކުޅެ އެއްވަރުވި މެޗުން އެކަންޏެވެ. މި ނަތީޖާތަކާއެކު ޕޯޗުގަލް އޮތީ މިގްރޫޕުގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ފްރާންސް އަށް ހަމަ މިއަދަދަށް ޕޮއިންޓް ލިބިފައިވާ އިރު ޕޯޗުގަލްއަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.

މި މުބާރާތުގައި ދެން ޕޯޗުގަލް ކުޅެން ޖެހޭ މެޗެއް އޮންނާނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މި މެޗުގައި ތާވަލުގެ އެއްވަނަ ދިފާއުކުރަން އެޓީމުން ނުކުންނާނީ އެންމެ ފަހު މެޗުގައި ހަމަހަމަ ނަތީޖާއެއް ލިބުން ވަރުގަދަ ފްރާންސްއާ ދެކޮޅަށެވެ. މިމެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ.