އިނގިރޭސި ޕްރިމިއަރ ލީގުގެ ފޯމެޓް ބަދަލުކުރުމަށް މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން ހުށައަޅަން ތައްޔާރުވާ ޕްރޮޕޯސަލަށް ގިނަ ކުލަބުތަކުން ދެކޮޅުހަދައިފި އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ކޮންމެ ސީޒަނެއްގައިވެސް 20 ޓީމް ބައިވެރިވާ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް އެ އަދަދު 18 އަށް މަދުކުރަން ހުށައަޅާނެއެވެ. މި ޕްރޮޕޯސަލް ކާމިޔާބުކުރުމަށް 20 ކުލަބުގެ ތެރެއިން 14 ކުލަބުގެ ވޯޓު ބޭނުންވާނެ އެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ގިނަ ކުލަބުތަކުން ދަނީ މި ޕްރޮޕޯސަލަށް ދެކޮޅު ހަދަމުންނެވެ.

މި ޕްރޮޕޯސަލްގެ ސަބަބުން އިނގިރޭސިވިލާތުގެ ދަށްފަންތީގެ ލީގުތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ފައިދާ ވާނެކަމަށްވެސް އެ ރިޕޯޓުތަކުގައި ވެއެވެ. އެހެންނަމަވެސް މި ދެޓީމުގެ އެންމެ މުހިންމު ކުޅުންތެރިން މި ޕްރޮޕޯސަލްއާއި މެދު ހިތްހަމަނުޖެހޭކަން ފާޅުކޮށްފައިވާ ކަމުގެ އަޑުތައް ދަނީ އަރަމުންނެވެ.

ޕްރިމިއަރ ލީގުން މި ހުށަހެޅުން ބަލައިގަނެ އަމަލުކުރަން ނިންމާނަމަ 25 އަހަރުގެ ތެރޭގައި ޕްރިމިއަރ ލީގަށް އަންނަ އެންމެ ބޮޑު ބަދަލަށް މިކަން ވެގެންދާނެއެވެ. އަދި މި ނިންމުން ނިންމައިފިނަމަ ޕްރިމިއަރ ލީގުން ރެލިގޭޓުވާ ޓީމުތަކަށް މަތީ ފަންތީގެ ޓީމްތަކުން ފައިސާ ދިނުން ނިމުމަކަށް އަންނާނެއެވެ.

މި ޕްރޮޕޯސަލްގެ ދަށުން އީއެފްއެލްއަށް އިތުރު 250 މިލިއަން ޕައުންޑް ފަންޑުގެ ގޮތުގައި ލިބިގެންދާއިރު ޓީމުތަކަށް ކޮންމެ ސީޒަނެއްގައި ލިބެމުން އައި "ޕެރެޝޫޓް ޕޭމަންޓް" ދިނުން ހުއްޓާލާނެއެވެ. އަދި އިނގިރޭސި އެފްއޭއަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން 100 މިލިއަން ޕައުންޑްވެސް ލިބިގެންދާނެއެވެ.

ބޭރުގެ މަޝްހޫރު ކުޅިވަރު ނޫހެއްގައި ބުނެފައިވަނީ މިއީ ރީތިކޮށް ޖަރީކުރެވިފައިވާ ދަންތުރައެއް ކަމަށެވެ. އަދި މި ޕްރޮޕޯސަލްގެ ސަބަބުން ނުފޫޒުގަދަ ބައެއް ކުލަބުތަކަށް މީގެން މަންފާއެއް ކުރިނަމަވެސް ގިނަ ކްލަބްތަކަށް މީގެ ސަބަބުން ވާނީ ގެއްލުން ކަމަށެވެ.

ފުޓުބޯޅަ ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ ޕްރިމިއަރ ލީގުގެ ބޮޑެތި ކްލަބްތަކުގެ ގޮތުގައި ނަގާކިޔާ ހައެއްކަ ޓީމުން އެޓީމްތަކުގެ އަމިއްލަ އެދުންތަކެއް ހާސިލްކުރުމަށް ހަދާފައިވާ ޕްރޮޕޯސަލްއެއް ކަމަށެވެ.

މި ޕްރޮޕޯސަލްއަށް ތާއިދުކުރާކަން އީއެފްއެލްގެ ޗެއަރމަން ރިކް ޕެރީވަނީ ހާމަކޮށްފައެވެ. ރިކް ޕެރީއަކީ ލިވަޕޫލްގެ ކުރީގެ ސީއީއޯއެވެ. އިނގިރޭސި ފުޓުބޯޅަ ކުރިއަށްދާގޮތަށް ބޮޑެތި ބަދަލްތަކެއް ގެންނަން މަސައްކަތްކުރާއިރު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި އިނގިރޭސި ފުޓުބޯޅަ ކުރިއަށްދާ ސިސްޓަމް އެއްކޮށް ބަދަލުވެދާނެކަމަށް ފުޓުބޯޅަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.