އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބް ވެލެންސިޔާގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އައްޔަނުކޮށް، ޓީމުގެ ފަރިތަކުރުންތައް މާދަމާ ފެށުމަށް ނިންމައިފިއެވެ.

އެންމެފަހުން އާތީ މަސައްކަތްކުރީ ޓީސީގެ ކޯޗަކަށެވެ. ނަމަވެސް ވަކި ހިސާބަކުން އެ ޓީމުން އޭނާ ވަކިވިއެވެ. ވެލެންސިޔާގެ ކޯޗުކަމާއި އޭނާ ހަވާލުވިއިރު އެ ކުލަބަކީ މިއަހަރު ފަރިތަކުރުންތައް ފަށާ ދެވަނަ ކުލަބެވެ. އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށީ މާޒިޔާއިންނެވެ.

އާތީ އެންމެ ބޮޑަށް ފާހަގަކުރެވުނީ ރާއްޖޭގެ ޤައުމީ ޓީމުތަކުގެ ކޯޗިން ޓީމުންނެވެ. އެގޮތުން އަންހެން ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުކަން އޭނާ ކޮށްފައިވާއިރު ޒުވާން ޤައުމީ ޓީީމުތަކުގައި ވެސް އޭނާ މަސައްކަތްކޮށްފައި ވެއެވެ.

ވެލެންސިއާ އެނބުރި ފުރަތަމަ ޑިވިޝަނަށް އައީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ގިނަ މަސައްކަތްތަކަށް ފަހުގައެވެ. ހާއްސަކޮށް އިސްމާއީލް އާސިފް (ކުޑަހީނާ) އާއި އެ ޓީމަށް ކުޅުނު ފުރަތަމަ ޑިވިޝަނަށް ކުޅުނު ގިނަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ވެލެންސިޔާއަށް މި ސީޒަނުގައި ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ ހަތަރުވަނަ ޑިވިޝަނަށް ކުޅުނު ޒާން އާއި ގޯލްޑް ކެޕްޓަން އަކޫ ފާހަގަކޮށްލެވެއެވެ މީގެއިތުރުން ކުރިޔަށްއޮތް ދުވަސްތަކުގައި އެ ޓީމަށް ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ސޮއިކުރާނެ ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ކުލަބަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ސީޒަން ފެށުމަށް މަސައްކަތްކުރަނީ މިއަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް ތާރީހެއް އެފްއޭއެމުން އަދި ފައިނަލެއް ނުކުރެއެވެ.