ތާރީހީގޮތުން ބަލާއިރު 1930 އިން ފެށިގެން މިއަދާ ހަމައަށް ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގެ ބާވީސް ވަނަ މުބާރާތަކީ މުޅި އަރަބި ދުނިޔެއާއި، އެ ހިސާބުގެ އެންމެ މުއްސަނދި އެއް ޤައުމު ގަތަރަށްވެސް ހާއްސަ މުބާރާތެކެވެ. ގަތަރުގައި 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވަން މަސައްކަތް ފެށި ހިސާބުން މުޅި އަރަބި ދުނިޔޭގައި އެކަމާއި ގުޅިގެން ގިނަ ވާހަކަތަކެއް ދެކެވުނެވެ. އަދި ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެގެން ދިޔައެވެ.

ވޯލްޑް ކަޕުގެ ދިގު ތާރީހުގައިވެސް މިހާތަނަށް އަރަބި ގައުމެއްގައި މުބާރާތް ބާއްވާފައިނުވާއިރު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމާފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމުކަމުގައި ވާ ގަތަރުގައެވެ. މިއީ އާބާދީގެ ސަތަހައިން މުސްލިމުން ގިނަ ޤަައުމެއްގައި މި މުބާރާތް ކުޅޭނެ ފުރަތަމަ ފަހަރުވެސް މެއެވެ.

މި މުބާރާތް ވެގެންދާނީ އޭޝިއާ ބައްރުގައި މުޅި މުބާރާތް ބާއްވާނެ ދެވަނަ ފަހަރަށެވެ. މީގެކުރިން 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަޕާނާއި ސައުތް ކޮރެއާއިން ވަނީ ގުޅިގެން ބާއްވާފައެވެ.

2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާނެ ޤައުމެއް ހޮވުމަށް ޤައުމުތަކުން ބިޑުކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ. ގިނަ ކޯޅުންތަކަކަށްފަހު ގަތަރުން މި ބިޑު ކާމިޔާބުކޮށްފައިވަނީ އޮސްޓްރޭލިއާ، އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނާއި ވާދަކޮށްގެންނެވެ. ބިޑުކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު އެގާރަ ޤައުމަކުން ބިޑު ހުށަހަޅާފައިވާއިރު ތަފާތު އެކި ސަބަބުތަކަކާއި ހުރެ ހަ ޤައުމަކުން ވަނީ ބިޑު އަނބުރާ ނަގާފައެވެ.

ގަތަރުން މުބާރާތުގެ ބިޑު ކާމިޔާބުކުރުމާއެކު ދެން ފެންމަތިވީ އެ ޤައުމުން ބިޑު ކާމިޔާބުކުރުމަށް ފީފާގެ އިސް މެމްބަރުން ތަކަކަށް ރިޝްވަތު ދިން މައްސަލައެކެވެ. މީޑިއާތަކުން ހާއްސަ ސަމާލުކަމެއް ލިބުނު މި ވާހަކަތައް ދެކެވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ކަމާ ގުޅުންހުރި ރަސްމީ އިދާރާތަކުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފެށުމެވެ.

ހާއްސަ ކޮމެޓީއެއް މި މައްސަލަ ތަހުގީގުކުރުމަށް އެކުލަވާލިއިރު އެ ކޮމެޓީން މައްސަލަ ބަލާ ނެރުނު ރިޕޯޓުން ގަތަރުން ރިޝްވަތު ދިންކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތްކަމަށް ދެއްކި ނަމަވެސް އެ އިދާރާގެ ބައެއް އިސް ފަރާތްތަަކުން ސަސްޕެންޝަނާއި ކުރިމަތިލާން ޖެހުނެވެ. އަދި އޭރުގެ ފީފާގެ ރައީސް ސެޕް ބްލެޓަރ ވެސް ވަނީ ފީފާގެ ބިޑް ކޮމެޓީއަށް ރިޝްވަތު ނެގިކަމުގެ ތުހުމަތު ކޮށްފައެވެ.

މީގެކުރިން މެއި، ޖޫން، ނޫނީ ޖުލައިގައި ވޯލްޑްކަޕު ބާއްވަމުން ދިޔަ ނަމަވެސް ގަތަރުގައި ބާއްވާ ވޯލްޑްކަޕް ކުރިއަށްދާނީ އެހެން މުބާރާތްތަކާި ހިލާފަށް ނޮވެމްބަރު އަދި ޑިސެމްބަރު މަހުގައެވެ. މިއީ މި މުބާރާތް ފެށިފަހުން 92 އަހަރުގެ ތެރޭގައި މެއި، ޖޫން، ޖުލައި ނޫން އެހެން މަހެއްގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. އަދި މުބާރާތުގައި 32 ޓީމު ވާދަކުރާގޮތަށް މުބާރާތް ކުޅޭނެ އެންމެ ފަހު ފަހަރަށް ވެގެންދާނެއެވެ.

މުބާރާތް ބޭއްވުމަށް ގަތަރުން ބޮޑެތި ތައްޔާރީތަކެއް ވަމުންދާއިރު މުބާރާތުގެ މެޗުތައް ކުޅުމަށް ބޮޑެތި ހަރަދުތަކެއް ކޮށް، ރީތި ހިތްގައިމު ދަނޑުތަކެއް ވަނީ އިމާރާތްކޮށް ތަރައްޤީކުރަން ފަށާފައެވެ. ގަތަރުން ވަނީ ދަނޑުތައް ހުންނާނެ ގޮތާއި ދަނޑުތަކުގައި ކުޅޭނީ ކޮން މެޗުތަކެއް ކަންވެސް ކަނޑައަޅާ ދައްކާލާފައެވެ.

ގަަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕުގައި ބޭނުންކުރަން ނިންމާފައިވާ ސްޓޭޑިއަމްތައް

  1. އަލް ބައިތް ސްޓޭޑިއަމް

ގަތަރުގެ އަލް ޙޯރްގައި އިމާރާތްކުރާ މި ދަނޑުގައި މުބާރާތް ހުޅުވާ މެޗާއެކު ގްރޫޕް ސްޓޭޖުގެ ފަސް މެޗެއް ކުޅޭނެއެވެ. އަދި ގަދަ ސޯޅައިގެ އެއް މެޗާއި ކުއާޓާފައިނަލް އަދި ސެމީފައިނަލްގެ އެއް މެޗުވެސް މި ދަނޑުގައި ކުޅޭނެއެވެ. މީ 60،000 މީހުންގެ ޖާގައިގެ ދަނޑެކެވެ.

2. އަލް ޖަނޫބް ސްޓޭޑިއަމް

ކުރިން މަސްވެރިކަމަށް ހާއްސަ ސިޓީއެއްގެ ގޮތުގައި އޮތް އަލް ވަކްރަހް ސިޓީގައި އިމާރާތްކޮށްފައިވާ މި ދަނޑަށް އެއްފަހަރާ 40.000 މީހުންނަށް ވަދެވޭނެއެވެ. މި ދަނޑުގައި ގްރޫޕް ސްޓޭޖުގެ ފަސް މެޗުގެ އިތުރުން ގަދަ ސޯޅައިގެ އެއް މެޗު ކުޅެވޭނެއެވެ.

3. އަލް ރައްޔާން ސްޓޭޑިއަމް

މުޅިން މަސައްކަތް ނުނިމޭ މި ދަނޑަށް ނަންދީފައިވަނީ ދަނޑު ހުރި ސިޓީ ކަމަށްވާ އަލް ރައްޔާންގެ ނަމުންނެވެ. މި ދަނޑުގައި ވެސް ގްރޫޕް ސްޓޭޖުގެ ފަސް މެޗުގެ އިތުރުން ގަދަ ސޯޅައިގެ އެއް މެޗު ކުޅެވޭނެއެވެ. މި ދަނޑަށް އެއްފަަހަރާ ވަދެވޭނީ 40،000 މީހުންނަށެވެ.

4. ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް

1976 ވަނަ އަހަރު ހުޅުވި މި ސްޓޭޑިއަމްއަކީ ގަތަރުގެ ކުރީގެ އަމީރު ހަލީފާ ބިން ހަމަދް އަލް ތާނީއަށް ނިސްބަތްކޮށް ނަންދެވިފައިވާ ތަނެކެވެ. ގަތަރުގެ ގައުމީ ދަނޑުގެ ގޮތުގައި ބެލެވޭ މި ދަނޑުގައި ފުޓުބޯޅައިގެ އިތުރުން އެހެން ގިނަ ކުޅިވަރުތައް ކުޅޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ. ގަތަރު ވޯލްޑްކަޕަށް މި ސްޓޭޑިއަމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ތައްޔާރުކުރާ އިރު މި ދަނޑަށްވެސް 40،000 މީހުންނަށް ކުޅިބަލަން ވަދެވޭނެ އެވެ. އަދި މި ދަނޑުގައި ގްރޫޕް ސްޓޭޖުގެ ފަސް މެޗުގެ އިތުރުން ގަދަ ސޯޅައިގެ އެއް މެޗު އަދި މުބާރާތުގެ ތިންވަނަ ހޮވާ މެޗުވެސް ކުޅޭނެއެވެ.

5. އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް

ގަތަރުގެ ރައްޔާން ސިޓީގައި އަޅަމުންދާ މި ދަނޑަށް 45000 މީހުނަށް އެއްފަހަރާ ވަދެވޭއިރު މިދަނޑުގައި ގްރޫޕް ސްޓޭޖުގެ 5 މެޗުގެ އިތުރުން ގަދަ 16އިގެ 1 މެޗު އަދި ކުއާޓާ ފައިނަލުގެ 1 މެޗުވެސް ކުޅެވޭނެއެވެ.

6. ރަސް އަވޫ އަބޫދް ސްޓޭޑިއަމް

ސްޓޭޑިއަމް ހެދުމަށް ހާއްސަކޮށް ހިއްކާފައިވާ ސަރަހައްދެއްގައި އަޅާ މި ސްޓޭޑިއަމަކީ 40،000 މީހުންގެ ޖާގައިގެ ތަނެކެވެ. ސްޓޭޑިއަމްގެ މަސައްކަތް ކުރިޔަށްދާއިރު މިތަނުގައި ކުޅުމަށް ރާވާފައިވަނީ ގްރޫޕް ސްޓޭޖުގެ ފަސް މެޗާއި ގަދަ ސޯޅައިގެ އެއް މެޗެވެ.

7. އަލް ތަމުމާމާ ސްޓޭޑިއަމް

އާކިޓެކްޓް އިބްރާހީމް ޖައިދާގެ ކުރެހުމަކަށް ތާކިހަލެއް ސިފަވާގޮތަށް އަޅާ މި ސްޓޭޑިއަމްގެ މަސައްކަތް ކުރިޔަށްދާއިރު މިއީ ގަތަރުގެ ތާރީހާއި، ސަގާފަތާއި، އިސްލާމްދީން ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކުރާ ސްޓޭޑިއަމެއް ކަމަށް ގަތަރު ފުޓުބޯޅަ އިދާރާއިން މައުލޫމާތުދެއެވެ. މި ދަނޑުވެސް އިމާރާތްކުރަނީ އެއްފަހަރާ 40،000 މީހުންނަށް ވަދެވޭނެ ގޮތަށެވެ. މި ދަނޑުގައި ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަސް މެޗުގެ އިތުރުން ގަދަ ސޯޅައިގެ އެއް މެޗާއި ކުއާޓާ ފައިނަލުގެ އެއް މެޗެވެ.

8. ލުސައިލް ސްޓޭޑިއަމް

އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން، އެންމެ އަގުބޮޑުކޮށް އިމާރާތްކުރާ މި ސްޓޭޑިއަމަކީ މުބާރާތުގެ އެންމެ މުހިންމު މެޗު ކުޅޭނެ ތަނެވެ. އަރަބިންގެ ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކުރާ މި ތަނަކީ މުބާރާތައް ތައްޔާރުކުރާ އެންމެ ބޮޑު ސްޓޭޑިއަމެވެ. މި ސްޓޭޑިއަމާއި ހަ ބުރިޖަކުން ގުޅުވާލާއިރު، ކާރު ޕާކު ކުރާނެ ސަރަހައްދެއްގެ އިތުރުން ސްޓޭޭޑިއަމް ވަށައިގެން ރީތި ފެންގަނޑެއްވެސް އޮންނާނެއެވެ. ޖުމްލަ 80،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި މުބާރާތުގެ ފައިނަލް މެޗުގެ އިތުރުން ގްރޫޕް ސްޓޭޖުގެ ފަސް މެޗާއި ގަދަ ސޯޅައިގެ އެއް މެޗު، ކުއާޓާ ފައިނަލުގެ އެއް މެޗު އަދި ސެމީފައިނަލުގެ އެއް މެޗުވެސް ކުޅޭނެއެވެ.

ބޮޑު ހަރަދުތަކެއް ހިނގުމުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ގަތަރު ވޯލްޑްކަޕް ވެގެންދާނީ މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަށްވެސް އަދި އެ ކުޅުންތެރިން ނިސްބަތްވާ ޓީމުތަކަށްވެސް މުޅިން އާ، ބޮޑު ޗެލެންޖަކަށެވެ. އާޓިފިޝަލް ފިނި މާހައުލެއް ދަނޑުތަކުގެ އެތެރޭގައި ހަދާ ނަމަވެސް ޔޫރަޕުގައި ކުޅޭ ގިނަ ކުޅުންތެރިންނަށް ގަތަރުގެ ހޫނުކަން ވެގެންދާނީ ބޮޑު ޗެލެންޖަކަށެވެ.

ކޮވިޑުގެ މި ހާލަތާއެކު ބައެއް ސްޓޭޑިއަމްގެ މަސައްކަތްތައް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. އަރަބި ދުނިޔޭގެ ސިޔާސީ މާހައުލު އޮތްގޮތުން މި މުބާރާތަށް އެހެން ޤައުމުތަކުން އަދި އެހާ ސަމާލުކަމެއް ނުދޭއިރު އަދިވެސް އަރަބި ގިނަ ޤައުމުތަކުން ދަނީ ގަތަރަށް ތުހުމަތުގެ އިނގިލިތަށް ދިއްކުރަމުންނެވެ. މި ހާލަތުގައި މުބާރާތް ކުޅޭނަމަ އެއީ ގަތަރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް އެއް ހަގީގަތަކީ މިއީ މުޅި އަރަބި ދުނިޔެއަށް ބޮޑު އިންގިލާބެއް ގެންނާނެ މުބާރާތެއް ކަމެވެ. އަދި ތެލަށް ބޮޑަށް ބަރޯސާވެފައިވާ އަރަބި ޤައުމުތަކުން އިތުރު އާމްދަނީއެއް ލިބޭނެ ދޮރުތަކެއް މި މުބާރާތުގެ ސަބަބުން ހުޅުވިގެންދާނެ އެވެ.