އަންނަ އާދިއްްތަ ދުވަހު ޓޮޓެންހަމާއި ވެސްޓްހޭމް ބަައްދަލުކުރާ މެޗުގައި ބޭލް ފެނުމުގެ ފުރުސަތު ބޮޑުކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ސްޕެއިންގެ ޗެމްޕިއަން ރެއާލް ދޫކޮށް ބޭލް ޓޮޓެންހަމާއި ގުޅުނީ ލޯނުގެ އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށެވެ. މީގެ ކުރިންވެސް ޓޮޓެންހަމަށް ކުޅެދީފައިވާ ބޭލް ފުރަތަމަ ވިދާލީ އެޓީމުންނެވެ. 2007 ވަނަ އަހަރު އޭނާ އެ ޓީމާއި ފުރަތަމަ ގުޅުނީ ސައުތެމްޓަން ދޫކޮށް ފަސް މިލިޔަން ޕައުންޑުގެ އަގަކަށެވެ. ޓޮޓެންހަމްގައި ބޭލް ހަ ސީޒަން ކުޅެދިންއިރު އޭނާ ވަނީ 203 މެޗު ކުޅެދީ 55 ލަނޑު ރެއަލް އާއި ގުޅުމުގެ ކުރިން ކާމިޔާބުކޮށްދީފައެވެ. 2013 ވަނަ އަހަރު ބޭލް ރެއާލާއި ގުޅުނީ 100 މިލިއަން ޔޫރޯގެ ރެކޯޑު އަދަދަކަށެވެ.

މިފަހަރު ޓޮޓެންހަމާއި ގުޅުމަށްފަހު ބޭލް މިހާތަނަށް އެ ޓީމަށް މެޗެއްކުޅެދީފައި ނުވާއިރު އޭނާ އެޓީމާއި ގުޅުނުއިރުވެސް ހުރީ އަނިޔާގައެެވެ. ބޭލްގެ ކަކުލަށް އަނިޔާވީ މިދިޔަ ސެޕްޓެމްބަރު މަހު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމަށް ވޭލްސްއާއެކު ފަރިތަކުރަމުން ދަނިކޮށެވެ. ކުރިން ބެލެވުނު ގޮތުގައި ބޭލް އަބުރާ ކުޅުމާއި ގުޅޭނީ މިމަހު ފަހުކޮޅުގައެވެ.

ބޭލްމިހާރު ޓޮޓެންހަމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު އެންމެފަހުން އެ ކުލަބުންދިން އިންޓަވިއުގައި މޮރީނިއޯ ބުނީ ކުރިއަށްއޮތް މެޗުގައި އޭނާ ފެނުން ގާތް ކަމަށެވެ.

" އާދިއްތަ ދުވަހު ކުޅޭ މެޗުގައި ބޭލް ފަހަރެއްގައި ކުޅެފާނެ ، އެ މެޗުގައި ނުފެނިއްޖެނަމަ ޔަގީނުންވެސް ބުރާސްފަތި ދުވަހު ކުޅޭ މެޗުގައި ފެންނާނެ " މޮރީނިއޯ ބުންޏެވެ.

މީގެއިތުރުން މޮރީނިއޯ ބުނީ މި މެޗުގައި އެ ޓީމުގެ ފޯވާޑް ހެރީ ކޭންވެސް ފެންނާނެ ކަމަށާއި އޭނާވެސް ހުރީ ފިޓުކޮށް ކަމަށެވެ.

ބައިނަލްއަގުވާމީ މެޗުތަކަށްފަހު ހޮނިހިރު ދުވަހު ޕްރިމިއާ ލީގު އަލުން ފަށާއިރު، ވެސްޓް ހޭމާ ދެކޮޅަށް ޓޮޓެންހަމް ނުކުންނާނީ އާދީއްތަ ދުވަހުގެރެއެވެ.